އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ވާދަކުރައްވާ، ރައިސް މުހައްމަދު ނަޝީދަށް ދޭންވާ އިހްތިރާމާއި ގަދަރު ދޭންވާނޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އއ. މާޅުހުގައި މިއަދު ބޭއްވި ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދަކީ ކޮންބޭފުޅުންނެއްކަން މާޅޮހު ރައްޔިތުންނަށް އެނގޭނޭ ކަމަށެވެ. އެރަށުގައި ތިބީ އާއިލީ އަދި ގާތްތިމާގެ ރައްޓެހ ރަހުމަތްތެރީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ކާކުކަން އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓަކީ ކާކުކަން މާޅޮހުގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ. ދެފަރާތުގައިވެސް މިތިބީ ގާތް އާއިލީ މީހުން. އެކުވެރީން ރަހުމަތްތެރީން. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ނުކުމެ މިއުޅެނީއެއް ވަކިމީހަކާ ދެކޮޅަކަށް ނޫން،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓަށް ވެސް ދޭންވާ އިހުތިރާމާއި ލޯތްބާއި ގަދަރު މިރަށުން ދޭންވާނެ. އާއިލީ މީހުން މިރަށުގައި ގިނަވާނެ. އެހެންވީމާ މިނިންމުން އަޅުގަނޑުމެން މާޅޮހާއި، ދާއިރާއިން މިނިންމަނީ އެއްވެސް ހާލެއްގައި ވަކި މީހަކާ ދެކޮޅަށް ކުރާކަމެއްނޫން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނާ އެއްކޮޅަށް މާޅޮހާއި އެދާއިރާގެ އެމްޑީޕީގެ މެމްބަރުން ތިބެންވަނީ ރަށުގެ ތަރައްގީއަށްޓަކައި ކުރިއަށްދެވެން އޮތް ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ. "އަޅުގަނޑުގެ އެދުމަކީ ދެފަރާތުގައި ތިބި އެމްޑީޕީގެ މެމްބަރުންވެސް މި ނިންމުމާއެކީގައި އެއްތަންވެ އަޅުގަނޑާއެކީގައި ކުރިއަށް ވަޑައިގަތުން،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެނިންމުން ވަރަށްވިސްނުންތެރިކަމާއެކު ރައްޔިތުން ނިންމަން ޖެހޭ ކަމަށެވެ.