ތ. ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެ، ސައިޓް މޮބިލައިޒް ކޮށްފިކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ސައިޓް މޮބިލައިޒްކޮށްފައިވަނީ 24 ޖެނުއަރީ 2023 ވަނަ ދުވަހުގައިކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އީ.އައި.އޭ. މަސައްކަތްތައް ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން:
- 3047 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
- 1869 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުން
- 184 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 135 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
- އަދި ފަތާ ސަރަޙައްދު ވަށައިގެން ބެރިއަރ ފްލޯޓްސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި މަޝްރޫޢަކީ 11.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 130 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ވިލުފުށީ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގައެވެ.