އެމްޑީޕީ ތެރޭގައި ކަރުމަރުހިފުން: މިހާރު ކުރިއަށްދާ ކެމްޕޭން
މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ކެމްޕޭނަކީ ސިޔާސީ ތާރީޚުގައި އާ ބާބެކެވެ. އެމްޑީޕީގެ ދެވަނަ ބާބެވެ. ތާރީޚީގޮތުން ބަލާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކުރިން ނުހިނގާ ކިތަންމެ ކަމެއް މި ކެމްޕޭނުގައި އެބަ ހިނގައެވެ. އަދިވެސް ހިނގާނެއެވެ. އެމްޑީޕީ ވަނީ މީގެ އިންތިޚާބެއް ކުރިން ތަޖުރިބާ ކޮށްފައެވެ. އެ ތަޖުރިބާގެ އިސް ބައިވެރިންނަކީ ނަޝީދާއި މުނައްވަރާއި ރީކޯ މޫސައެވެ. ޕްރައިމަރީއަށް ފަހު މުނައްވަރު މަންޒަރުން ގެއްލުނެވެ. ރީކޯ މޫސަ ހުއްޓެއް ކަމަކު އެހެން މޫސައަކަށް ބަދަލުވިއެވެ. މުނައްވަރާއި މޫސައާ ނުލައި ޕާޓީ ހިންގައިފައިވަނީ ބޭރުފުށަށް އުނިކަމެއް ނުފެނިއެވެ. ނަމަވެސް މިފަހަރު ތަފާތެވެ. މިހާރު މައިދާނުގައި ކަނޑި އަނބުރަމުން ގެންދަނީ ނަޝީދާއި އިބޫކަމަށް ވާތީއެވެ. ހުރިހައި މާނައެއްގައި ޕާޓީގެ އެންމެ އިސް ދެ ލީޑަރުން ކަމަށް ވާތީއެވެ. މި ހަނގުރާމައިގައި ގަތުލުވެގެން ނުވަތަ ޒަޚަމްވެގެންދާ މީހާއަކީ އެންމެ މީހެއް ނޫނެވެ. އޭނާގެ ފަރާތުން އެތައް ހާސް ބަޔަކު އޭގެ ވޭން ހިއްސާކުރާނެއެވެ. ރުޅިއާއި ނަފުރަތު އަނެއް ފަރާތަށް ރައްދުކުރާނެވެ. ނެރޭ ބަޔާން ރީއްޗަސް އަތުޖެހުނު ތާކުން ބަދަލުހިފުމުގެ އަމަލެއް ކުރާނެއެވެ. މީގެ އުނދަގޫ އެމްޑީޕީގެ މުސްތަގުބަލަށް ކުރާނެއެވެ. މިކަންކަމަށް ރިއާޔަތްކޮށް މި ލިޔުމުގައި ބަޔާންކުރާނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ލޯ ހުޅުވިފައިވާ އެމްޑީޕީގެ ޚިދުމަތްތެރީންގެ ތެރެއިން މި ދެލީޑަރުންގެ ޝަޚްޞިއްޔަތު ތަޖުރިބާކޮށްފައިވާ ތަޖުރިބާކާރު ތިން މީހަކު މި މައުޟޫޢުގައި ދީފައިވާ ޚިޔާލުތަކެވެ.
ނަޝީދާއި އިބޫ – އެމްޑީޕީގެ ދެފިޔަ
ނަޝީދާއި އިބޫ އަކީ އެމްޑީގެ އެންމެ އިސް ދެ ލީޑަރުންނެވެ. ދާދި ފަހަކާ ޖެހެންދެން ދެ ލީޑަރުން ލީޑްކުރެއްވީ ޕާޓީގެ ދެ ދިމާއަކުންނެވެ. ނަޝީދު ހުންނެވީ ސީދާ ހަރަކާތުގައި އަޑުގަދަ ލީޑަރެއްގެ ގޮތުގައެވެ. އިބޫ ހިންގެވީ ޕާޓީގެ އޮފީހާއި ސިޔާސީ ހަރަކާތުގެ ސިޔާސީ ބައެވެ. މި ދެފަޅިއަށް އެއް ބޭފުޅަކަށްވުރެ އަނެއް ބޭފުޅަކު މޮޅެވެ. ކުޅަދާނައެވެ. ނަމަވެސް މީހުންގެ ކުރިމައްޗަށް ފާޅުކަން ބޮޑުކޮށް ނުކުންނެވުމުގައި އިސްކޮށް ހުންނެވީ ނަޝީދުކަމަށް ވާތީ ނަޝީދު މާ ބޮޑަށް މަޝްހޫރުވިއެވެ. ނަމަވެސް ޕާޓީ އުފެދުނުއިރު އޮތް ސަރުކާރާ ވާހަކަދެއްކުމާއި، އެހެނިހެން ފަރާތްތަކާ އެކު ސިޔާސީ ކަންކަން ވިލަރެސް ކުރުމުގައި އިސްވެ ހުންނެވީ އިބޫއެވެ. އެބައިގައި ފުރުސަތު ފަހިވެފައި އިތުބާރު އޮތީ އިބޫއަށެވެ. އެހެންކަމުން އިބޫ ބޮޑަށް މަގުބޫލު ވެފައިވަނީ މިކަންކަން ރަނގަޅަށް ދަންނަ މީހުންގެ މެދުގައެވެ. 2018ގެ އިންތިޚާބަށް އިބޫ ނެރެން ގިނަ ބަޔަކަށް ފަސޭހައިން އެއްބަސް ވެވުނީ އެހެންވެގެންނެވެ.
ބައެއް މެންބަރުންނަށް އަރައިފައިވާ އޮޅުން
މިހާރު ހިނގަމުންދާ ކެމްޕޭނު ހަރަކާތުގެ ތެރެއިން ތަޖުރިބާކާރުން ފާހަގަކުރާ އެންމެ މުހިންމު ކަމަކީ ޕާޓީގެ ބައެއް މެންބަރުންނަށް އަރައިފައިވާ އޮޅުމެކެވެ. ވާދަވެރި ކެންޑިޑޭޓާ މެދު ދެކޭ ދުޝްމިނުކަމެވެ. ކަމުގެ ހަގީގަތަކީ ދެ ލީޑަރުންނަކީ ވެސް ޕާޓީގެ ނުހަނު ޚިދުމަތްތެރި ދެ ލީޑަރުންނެވެ. އިންތިޚާބު ނިމޭފަހުން ވެސް ދެ ބޭފުޅުންގެ ޚިދުމަތް ޕާޓީއަށް ބޭނުންވާކަމެވެ. ޕާޓީއަށް އެންމެ ފައިދާބޮޑީ އެ ގޮތް ކަމުގައިވާކަމެވެ. އެމްޑީޕީ މީހުންނަށް ވުރެ އެހެން ޕާޓީތަކުގެ މީހުން މި ނުކުތާއަށް ސަމާލުކަންދޭކަން މީޑިއާގެ ވަސީލަތްތަކުން ފެންނަމުން އެބަދެއެވެ. މި ދެ ލީޑަރުންނަށް ފަހުން އެކުގައި ނޫޅުއްވޭ ވަރަށް، ދެކޮޅުވެރި ކުރުވުމާއި އޭގެ ސަބަބުން މުސްތަގުބަލުގައި އެމްޑީޕީ ބަލިކަށިކުރުން އަމާޒަކަށް ބެލެވިގެން ހިންގޭ ހަރަކާތްތައް ފެންނަމުން އެބަދެއެވެ. އެމްޑީޕީގެ ބައެއް މެންބަރުން މި މަޅީގައި ޖެހެމުންދާތަން ފެނެއެވެ.
އެމްޑީޕީގެ ތެރެއިން އިބޫއާ ދެކޮޅުވެރި ހަރަކާތް ހިންގާކަމަށް ފެންނަނީ ދެވައްތަރެއްގެ ބައެކެވެ. އެއްބަޔަކީ ޝަރުޠަކާ ނުލައި ކޮންމެ ހާލެއްގައި ވެސް އަންނިއަށް ތާއީދުކުރާ މީހުންނެވެ. އަނެއް ބަޔަކީ އުންމީދުކުރިގޮތާ ދިމާނުވުމުގެ ސަބަބުން ނުވަތަ އެދޭކަންކަން ހާސިލްނުވުމުގެ ސަބަބުން ސަރުކާރާ މެދު ކޮންމެވެސް ކަމަކާ ނުރުހިފައިވާ މީހުންނެވެ. މި މީހުންގެ މަގުސަދަކަށް ވަނީ އެމީހުން ތިބީ ރުޅިއައިސްފައިކަން ދެއްކުމެވެ. ކުރީގެ ސަރުކާރުގެ ބައެއް މީހުންނަށް މި ސަރުކާރުން އިތުބާރުކޮށް ވަޒީފާ ދިނުން ފަދަ ކަންކަމުގެ ނުރުހުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ކަނޑި ހަނގުރާމައިގެ ނަތީޖާ
މި ވާދަވެރި ކެމްޕޭންގެ ފަހު މަރުހަލާގައި މިހާރު ފެންނަނީ ވާދަވެރިކަން ފަހަނަޅައިފައިވާ ތަނެވެ. ދައްކަން ނުވާނެ ވާހަކަ ދައްކައި ކޮށްގެން ނުވާނެ ކަންކަން ކުރެވެމުންދާތަނެވެ. ދޮގާއި ތެދުވެސް ހިމެނޭގޮތުންނެވެ. މީގެ ނަތީޖާ އެމްޑީޕީއަށް ފެންނާނީ ހިތިކޮށެވެ. އިބޫއަށް ދެވޭ ގެއްލުމެއްގެ ސަބަބުން ނަޝީދަށް އިތުރުވާނެ ފުރުސަތެއް ނެތެވެ. ނަޝީދަށް ދެވޭ ގެއްލުމެއްގެ ސަބަބުން އިބޫއަށް އިތުރުވާނެ ފުރުސަތެއް ވެސް ނެތެވެ. މީގެ ސަބަބުން ދެ ލީޑަރުންގެ ޝަޚްޞިއްޔަތު ކުޑަވެ އިހުތިރާމާއި އިތުބާރު ކުޑަވެގެންދާނެއެވެ. މީގެ މަންފާއެއް އެމްޑީޕީގެ ބަޔަކަށް ކުރިއްޔާ ކުރާނީ ދެން އަންނާން އޮތް ލީޑަރޝިޕަށެވެ. ދެން ނުކުންނާން ތިބި ރިޔާސީ ކެންޑިޑޭޓުންނަށެވެ. އެ ފައިދާއަކީ އެ ބޭފުޅުންގެ ސިޔާސީ ރާސްތާ ކުރުވެ އަވަހަށް ފުރުސަތު ލިބުމެވެ.
ޕްރިމަރީގެ ނަތީޖާގައި ތަފާތުކުޑަވާނެ
ގަދަ ކުލަތަކާއި ބާރުގަދަ އަޑުތަކާއި އަސަރުން ފުރިގެންވީ ތަގުރީރުތަކާއި ލާމަސީލު ޚިދުމަތްތަކުގެ ޝިޢާރުތައް ގުގުމަމުން އަޑު އުފުލޭ ކެމްޕޭނުގެ ނަތީޖާގައި މާ ބޮޑު ތަފާތުތަކެއް ހުންނާނޭ ކަމަށް ތަޖުރިބާކާރުންނެއް ނުދެކެވެ. ގިނަ މީހުން ދެކޭގޮތުގައި ސިޔާސީ ލަފާކުރުންތަކާއި ވޯޓްގެ ނަތީޖާއާ ދިމާކުރަން އެންމެ އުނދަގޫވާނީ ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތް މަދުވެދާނެތީއެވެ. މިފަދަ އެތައް ކަމަކަށް ބަލައި ތަޖުރިބާކާރުންގެ ނަޒަރުގައި މި އިންތީޚާބުގެ ނަތީޖާގެ ލަފާކުރާ އެވްރެޖަކީ %60 އާއި %40 ގެ ތަފާތެކެވެ. އެންމެ މައްޗަށް ދިޔައަސް މޮޅުވާ ކޮޅަށް ލިބޭނީ %64 ކަމަށް ލަފާކުރެއެވެ. ވަށައިގެންވާ ސަބަބުތަކަށް ބަލާއިރު މިފަދަ "ކުޑަ" ތަފާތަކުން އިބޫ މި އިންތިޚާބު ކާމިޔާބު ކުރުމަކީ އެންމެ ފުރުސަތު ބޮޑުގޮތެވެ.
ނަޝީދުގެ ނިންމާ ބަޔާން
މި އިންތިޚާބުގެ ނަތީޖާއަށް ފަހު ނަޝީދު ދެއްވާ ބަޔާން އޮންނާނެ ގޮތް ވެސް ތަޖުރިބާކާރުން ލަފާކުރެއެވެ. އެއީ އެމްޑީޕީގެ ރައީސްކަން ނަޝީދު ބޭނުންފުޅު ނުވާކަމަށް ވިދާޅުވުމާއި، ރާއްޖޭގެ ރައީސްކަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވުމާއި، ފުރަތަމަ ޕްރައިމަރީގައި ކަންހިނގިގޮތާއި، އެމްޑީޕީގެ ރައީސްކަމުގައި އިބްރާއާއި މުނައްވަރާއި ޑީޑީ ފަދަ ބޭފުޅުންނަށް ދިމާވީ ކަންކަމުގެ މައްޗަށް ބަލައި ލަފާކުރާ ކުރުމެކެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި އިންތިޚާބުން ބަލިވެއްޖެ ނަމަ ނަޝީދު ގާނޫނީގޮތުން އެ ބަލި ގަބޫލުކުރައްވާނެއެވެ. ގާނޫނީގޮތުންނާއި ޑިމޮކޮރެސީގެ ހަމަތަކުން ބަލި ގަބޫލުކުރައްވާނެއެވެ. ނަމަވެސް އެއާ ވިއްދައިގެން ވަރުގަދަ އާގިއުމެންޓެއް ނެރުއްވާނެއެވެ. އެއީ ސިޔާސީގޮތުން ބަލިނުވާ ވާހަކައެވެ. ދައުލަތުގެ ވަސީލަތްތަކާއި ވަޒީފާގެ ބިރުދެއްކުމާއި އެވެނި މިވެނި ކަންކަމޭ ވިދާޅުވެ ދައްކަވާ ސަބަބު ލިސްޓެއްގެ ސަބަބުން ނަތީޖާ ދަށްވީކަމަށް ވިދާޅުވާނެއެވެ. އެ ސަބަބުތަކާއެކު ވެސް ހާސިލް ކުރެއްވުނު މިންވަރަކީ އަދި މާ ބޮޑުވަރެއް ކަމުގައި ވިދާޅުވާނެއެވެ. އޭގެ މައްޗަށް ބިނާކުރައްވައި ނަޝީދުގެ ސިޔާސީ ޝަޚްސިއްޔަތުގެ ވަރުގަދަކަމާއި ހައިބަބޮޑުކަން ދައްކަވައި އާ ތަސައްވުރެއް ކުރައްސަވާނެއެވެ. އެއްބަޔަކު މިކަން ގަބޫލުވެސް ކުރާނެއެވެ. މި ހުރިހައިކަމެއްގެ މައްޗަށް ބިނާކުރައްވައި ނަޝީދު ވަރުގަދަ ޑިމާންޑެއް ކުރައްވާނެއެވެ.
ނަޝީދުގެ ވަރުގަދަ ޑިމާންޑް
އިންތިޚާބު ނާކާމިޔާބުވާ ހިނދު ނަޝީދު ދެއްވާ ބަޔާނަށްފަހު، އިބޫއާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން އިއުލާންކުރައްވާނެއެވެ. އަދި އެކަމަށް ވަރުގަދަ ޝަރުޠެއް ހުށަހަޅުއްވާނެއެވެ. އެ ޝަރުޠަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިބޫ އެއްބަސްވެވަޑައިގެންނެވުމާއި، އެކަން އާންމުކޮށް އިއުލާން ކުރެއްވުމާއި، އެކަމުގެ ކަރުދާހުގައި ސޮއިކުރައްވައި ކަރުދާސް އާންމުކުރެއްވުމެވެ. ނަމަވެސް އިބޫ މިއަށް ރިއެކްޓް ކުރާނެގޮތެއް ލަފާކުރާން ދައްޗެވެ. ސަބަބަކީ އެވަގުތު މަސްރަހު އޮންނާނޭ ގޮތް ލަފާކުރެވޭ ގޮތުންނާއި، ޖަވާބު ދިނުމުގައި ރިއެކްޓްކުރުމަކާއި ރެސްޕޮންޑް ކުރުމެއް އިބޫ ގެންގުޅުއްވާތީއެވެ.
އިބޫ ރިއެކްޓް ކުރެއްވިޔަސް ރެސްޕޮންޑް ކުރެއްވިޔަސް މިއިން ކަމެއް ނުކުރެއްވިޔަސް ނަޝީދުގެ ޑިމާންޑާ އެއްގޮތަށް އަޑު އުފުލާން ތައްޔާރުގައި ނަޝީދަށް ވޯޓްދިން އެންމެން ތިބުމަކީ ދުރުކަމެކެވެ. އެއީ މާޒީގައި ފެނިތަޖުރިބާ ކުރެވިފައިވާ ކަންކަމުން އެނގޭކަމެކެވެ. ރައީސް މައުމޫންގެ ސަޕޯޓަރުންނާއި، ރައީސް ޔާމީނުގެ ސަޕޯޓަރުންނާއި ޚުދު ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ފަރާތުން ވެސް މިކަން ފެނިފައިވެއެވެ. ދިވެހިންނަކީ މަސްވެރި ބަޔަކަށް ވުމާއެކު ވެސް ތޯއްޗެކެވެ. ފެން އޮތްތާކަށް މަސްދާ އުސޫލަކީ ދިވެހިންގެ ގިނަ ބަޔަކު އަމަލުކުރާ ގޮތެކެވެ. ފެން އޮތްތަނަށް ނުދާވަރުގެ ވަފާތެރިކަން ފެންނަނީ މަދުންނެވެ. ރައީސްކަމަށް ފަހު ޖަލުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ސީދާ ނަޝީދުގެ ދުލުން މި ތަޖުރިބާ ހިއްސާ ކުރައްވައިފައި އެބަހުއްޓެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ވަޒީފާދެއްވި މީހުންގެ އަދަދު ވިދާޅުވެ ގިނިކަންޏާ ޖަލުގައި އޮންނަވާ ވާހަކަ އެތައް ފަހަރަކު ވިދާޅުވެފައި އެބަހުއްޓެވެ.
ސިޔާސީ ފުރަތަމަ ކޮޅިގަނޑަށް ފަހު ރިޔާސީ ދަތުރަށް ފެށުން އޮންނާނީ، މީގެ ފަހުންނެވެ. އޭރުގެ ހާލަތު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް މި އޮތް ދެތިން ދުވަހުގެ ތެރޭގައި އަމަލުކުރާ ގޮތަކާއި، ޕްރައިމަރީ ނިމިގެން އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. ކޮންޓްރޯލް އޮތީ އެމްޑީޕީ މެންބަރުގެ އަތްމަތީގައެވެ. މުސްތަގުބަލު އޮންނާނީ އެ މީހުން ކަނޑައަޅާ ގޮތެއްގެ މައްޗަށެވެ.