ފުރަތަމަ އޮތީ އިނގިރޭސި ވިލާތުގައި ކާމިޔާބު ހޯދުން ކަމަށާއި އެއަށްފަހު ޔޫރަޕުގެ ރަންވަނަތަކާ ހަމައަށް މެންޗެސްޓަރ ޔުނައިޓެޑް ގެންގޮސްދޭނެ ކަމަށް އެކްލަބުގެ ކޯޗް އެރިކް ޓެންހާގް ބުނެފިއެވެ.
ޓެންހާގް މިހެން ބުނީ އިނގިރޭސި ލީގް ކަޕް ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ފޮރެސްޓުގެ ދަނޑުގައި އެޓީމް ފަސޭހަ ކަމާއެކު 3-0 އިން ބަލިކޮށް ފައިނަލުގެ ޖާގަ ގާތްގަނޑަކަށް ރޭ ޔަގީން ކުރި މެޗަށްފަހުއެވެ.
ޓެންހާގުގެ އިރުޝާދުގެ ދަށުން މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މާކަސް ރަޝްފާޑުގެ ކޮންޓްރެކްޓް އާކުރުމާ ގުޅޭ ގޮތުން ޓެންހާގް ވާހަކަ ދައްކަމުން ރަޝްފާޑަށް އަލިއަޅުވާލައި ބުނީ ޔުނައިޓެޑް އޭނާ ހުންނަން އެންމެ ރަނގަޅު ކްލަބު ކަމަށެވެ.
"އަހަރެން ބުނާނީ މިއީ (މެންޗެސްޓަރ ޔުނައިޓެޑް) އެންމެ ރަނގަޅު ތަނޭ ކުޅުންތެރިޔަކު ހުންނަން. އެއީ އަހަރެމެން ބޭނުން ބޭނުން ވަނީ އެންމެ މޮޅު ޓީމު ބިނާ ކުރަން. ފުރަތަމަ އިނގިރޭސި ވިލާތުގައި. އެއަށްފަހު ޔޫރަޕާއި މުޅި ދުނިޔޭގެ އެންމެ ވަރުގަދަ ޓީމަށް ޔުނައިޓެޑް ހެދުން އަހަރެމެންގެ އަމާޒަކީ" ޓެންހާގް ބުންޏެވެ.
ޓެންހާގުގެ އިރުޝާދުގެ ދަށުންް ޔުނައިޓެޑުން ދައްކަމުން އަންނަ ކުޅުމާއެކު ކުރީގައި އެކްލަބް އޮތް މަގާމަށް އެނބުރި ދެވިދާނެކަމަށް ސަޕޯޓަރުން ގަބޫލް ކުރެއެވެ. އިނގިރޭސި ލީގުގައި ޔުނައިޓެޑް އޮތީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށްވުރެ 10 ޕޮއިންޓް ފަހަތުން 4 ވަނައިގައެވެ. ޔޫރަޕުގައި މިސީޒަނުގައި ޔުނައިޓެޑަށް ވާދަ ކުރަން ޖެހިފައި އޮތީ ޔުރޮޕާ ލީގުގައެވެ. ޔުރޮޕާ ލީގް ނޮކައުޓް ސްޓޭޖުގައި ޔުނައިޓެޑް ވާދަ ކުރަން ޖެހިފައި އޮތީ ބާސެލޯނާއާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.