ސީޕީ ކަޕް ހޭންޑްބޯޅަ މުބާރާތް ފަށައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ރޭ ފެށި މި މުބާރާތަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތެއް ކަމަށެވެ.
މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައިފައި ވަނީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އެސްއޯ ހާޓްބީޓް އާއި ޑީއައި ކަނބަލުންނެވެ. މިމެޗުގެ 9-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްއޯ ހާޓްބީޓްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެސްއޯ ހާޓްބީޓްގެ ސަނިއްޔާ ޢަބްދުލް ސަމަދުއެވެ.
ފުލުހުން ވިދާޅުވީ މި މުބާރާތަކީ ފުލުހުންގެ ހުރިހާ މުއައްސަސާގެ ހުރިހާ ބައިތަކަކަށް ހުޅުވާލައިގެން ޕޮލިސް ކުލަބުން ކުރިއަށް ގެންދާ މުބާރާތެއްކަމަށެވެ. މި މުބާރާތް ކުރިއަށް ދާނީ މިމަހު 25 އިން ފެބްރުއަރީ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތުގައި ޖުމްލަ ފަނަރަ ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ އަންހެން ޑިވިޜަންގެ ދިހަ ޓީމާއި ފިރިހެން ޑިވިޜަންގެ ފަސް ޓީމު ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ސީޕީ ކަޕް ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދާގޮތަށެވެ. އަދި ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިން ވަނަ ޓީމާ ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުންނެވެ. އަންހެން ޑިވިޜަންގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދާގޮތަށެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހު ތިންވަނަ ދުވަހުގެރެއެވެ.