އެމްޑީޕީގެ އެންމެގިނަ ވޯޓުއޮތީ އައްޑޫސިޓީގައި ކަމަށް އެސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ކުރިއަށް ގެންދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވީ މާލޭސިޓީއަށްވުރެ ވެސް އައްޑޫގައި އެމްޑީޕީގެ ވޯޓު ގިނަ ކަމަށެވެ. އެހެން ކަމުން އައްޑޫއިން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ގިނަ ވޯޓުދޭންޖެހޭ ކަމަށެވެ.

ރައީސް ސާލިހު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ މިންވަރަށްވުރެ ވެސް އިތުރަށް ފައިސާ ހޯދައިގެން ވެސް އައްޑޫގައި ކަންކަން ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން މިބާއްވާ ޕްރައިމަރީއާ ނުލައިވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ޓިކެޓްދޭންޖެހޭ ކަމަށެވެ. ޕްރައިމަރީ ބާއްވައިގެން ވާދަވެރިކަން އުފެދުމުގެ ސަބަބުން ޕާތީގެ އެތެރޭގައި ވެސް ޚިޔާލު ތަފާތުވުން ފަދަކަންކަން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސާލިހާ ޕްރައިމަރީގައި ވާދަކުރައްވައިގެން ބަލިވެއްޖެނަމަށް ރިޔާސީ ކެމްޕޭނަށް ނިކުންނެވުމުގެ ބަދަލުގައި ހުންނަވާނީ ގޭގައި ކަމަށް ރައީސް ސާލީހާ ވާދަކުރައްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެއީ ހިތާމަކުރާ ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

އެމްޑީޕީ މިހިސާބަށް އައީ އެތައް ބައެއްގެ ގުރުބާނީގެ ސަބަބުންކަމަށާއި ޕާޓީގެ އެންމެ އިސް ލީޑަރުންގެ މެދުގެ ޚިޔާލުތަފާތުވެ ބައިބައިވުން އުފެދުމަކީ ޕާޓީއަށް ފައިދާވާނޭ ކަމެއްނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ރައީސް ސާލިހުގެ ވާދަވެރި ކެންޑިޑޭޓު އެގޮތަށް ވިދާޅުވީމާ ހިތުގައި ވެސް ޖެހޭ،" ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ވަކިފަރުދެއްގެ ފިކުރެއްނޫން ކަމަށެވެ. އެއީ ސީދާ ޕާޓީގެ ފިކުރުކަމާއި އެއީ ތިމަންނަގެ ފިކުރެއް ކަމަށް ބުނެ އެއްވެސް މީހަކަށް ދައުވާއެއް ނުކުރެވޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕާޓީގެ ފިކުރަކީ ޕާޓީގެ އެންމެންގެ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އޮޑި ނުފެތޭނޭކަން އެންމެނަށް ވެސް މިހާރު އެނގޭ ކަމަށާއި ދެން ބޭނުންވަނީ ތަފާތު ސްޕީޑުގައި ދުވާނޭ އައު އިންޖީނުތަކެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.