ރައްޔިތުންގެ މަޖިލިސްގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ބޭއްވި އެމްޑީޕީ ރިޔާސީ ކެމްޕޭން ޖަލްސާގައި އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް އަތުވެދާނޭ ފަދަ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެމްޑީއެފުން ބުނެފިއެވެ.

ރައީސް ނަޝީދަށް ނުރައްކާ އޮތްކަމަށްބުނެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ވަނީ ކަނޑައެޅިފައިވާ ވަގުތަށްވުރެ ކުރީން ނިންމާލައިފައެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފުން ދެންމެ ކުރި ޓޫވީޓެއްގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ (26 ޖެނުވަރީ 2023) ގައި ބޭއްވެވި ޖަލްސާގައި އެމަނިކުފާނަށް އެއްވެސް ތްރެޓެއް އަތުވެދާނެ ކަމުގެ މައުލޫމާތެއް އެމްއެންޑީއެފް އަށް ލިބިފައެއް ނުވެއެވެ."

މިކަމާ ގުޅިގެން ދިވެހިފުލުހުންގެ ޚިދުމަތުން ވެސް ބުނެފައިވަނީ އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ވެސް ލިބިފައިނުވާކަަމަށެވެ. ރައީސް ނަޝީދުގެ ކެންޕޭން ޖަލްސާއަށް ރޭ ވަނީ އެމަނިކުފާނަށް ސަޕޯޓުކުރާ އެތައް ބަޔަކު ޖަމާވެފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ހޮނިހިރު ދުވަހުއެވެ.