ފަހަތުން އަރައި 3-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ސްޕެނިޝް ކޮޕާ ޑެލްރޭގެ ސެމީފައިނަލުން ރެއާލް މެޑްރިޑް ރޭ ޖާގަ ހޯދައިފިއެވެ.
ރެއާލްގެ ސެންތިއާގޯ ބެރްނަބާއޫ ސްޓޭޑިއަމްގައި ކުޅުނު މިމެޗުުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އެތުލެޓިކޯއިންނެވެ. 19 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. ދެވަނަ ހާފުގެ ބޮޑުބައިވެސް މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ރެއާލްއަށް އެއްވަރު ކޮށްދިނީ 79 ވަނަ މިނެޓުގައި ހިތްގައިމު ލަނޑަކުން ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯއެވެ.
ރެއާލްއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ޑިފެންޑަރު ސްޓެފަން ސަވިކަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލުމުން އޭގެ ފައިދާ ނަގައިގެންނެވެ. ރެއާލްއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ 104 ވަނަ މިނެޓުގައި ކެޕްޓަން ކަރީމް ބެންޒީމާއެވެ. އަދި ތިންވަނަ ލަނޑު ވިނީޝިއަސް ކާމިޔާބު ކުރީ އިތުރު ވަގުތުގެ ތެރޭގައެވެ.
މެޗަށްފަހު، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނީ ބުނީ މެޗުގެ 70 ވަނަ މިނެޓުގައި ރެއާލްގެ މިޑްފީލްޑަރު ޑެނީ ކެބަލޮސްއަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި ދަނޑުން ފޮނުވާލަން ޖެހޭ ކަމަށް ގަބޫލް ކުރާކަމަށެވެ. މީގެ އިތުރުން ސިމިއޯނީ ވަނީ އެތުލެޓިކޯގެ ކޯޗް ކަމުގައި އޭނާ ދެމިހުރުމާމެދު ގޮތެއް ނިންމަން އުޅޭކަމަށް ދޭހަވާ މޭރުމަކުންވެސް ވާހަކަ ދައްކާފައެވެ.
"އަހަރެމެން ޗެމްޕިއަންސް ލީގުންވެސް ކަޓައިފި. ކަޕުންވެސް މިކެޓީ. މިހާރު އޮތީ ލީގުގެ ގަދަ ހަތަރެއްގައި ނިންމުމުގެ ޓާގެޓް އެކަނި. ސީޒަން ނިމުމުން، އަަރެމެން އެންމެންނަށް އެންމެ ފައިދާ ބޮޑީ ކޮންގޮތެއްތޯ ބެލިދާނެ" ސިމިއޯނޯ ބުންޏެވެ.
ރެއާލްގެ އިތުރުން ކޮޕާ ޑެލްރޭ ސެމީފައިނަލުން ޖާގަ ހޯދީ ވާދަވެރި ބާސެލޯނާ އާއި އޮސަސޫނާ އަދި އެތުލެޓިކް ކްލަބެވެ.