ޖީނިއަސް ކިޑްސް މޯލްޑިވްސް ނަމުގައި މުޅިން އައު އިންޓަރނޭޝަނަލް ސްކޫލެއް މާލޭގައި ހުޅުވައިފިއެވެ.

ސްކޫލްގެ ޑީން ލައުޝާނާ ޝަރީފް މައުލޫމާތު ދެއްވިގޮތުގައި ޖީނިއަސް ކިޑްސް މޯލްޑިވްސް އަކީ ކިޔެވުމުގެ އިތުރުން ދަރިވަރުގެ ފަންނާއި ހުނަރު ކުރިއަރުވައި ދަރިވަރުގެ ޤާބިލްކަން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭގޮތަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސްކޫލެކެވެ. ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް މީސްކޫލުގެ ގޮފިތައް ވަނީ ހުޅުވާފައެވެ.

"މައިގަނޑު 8 ބަޔަކަށް ޕްރޮގްރާމްތައް ބަހާލެވިފައިވަނީ. މިޕްރޮގްރާމްގެ ޒަރީއާއިން ދަރިވަރުގެ ކިޔެވުމުގެ ޤާބިލްކަން އެންމެ އާދައިގެ ދަރަޖައިން އެންމެ މަތީ ދަރަޖައަށް ގެންދިޔުމަށް އެހީތެރިވެދޭނެ. ޕްރޮގްރާމްގެ ކޮންމެ ބައެއް ނިންމުމުން ސަނަދެއް ދަރިވަރުންނަށް ދެވޭނެ. އެންމެމަތިން ސަނަދު ލިބޭ ދަރިވަރުންނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ" ލައުޝާނާ ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޚާއްސަ މުދައްރިސުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްތައް ރާވައިފައިވަނީ ދަރިވަރުންނާއި މުދައްރިސުން އެއްތަނެއްގައި ތިބެގެން ކުރިއަށްގެންދާ ގޮތަށެވެ. ސެޝަންތައް އޮންނާނީ ހަފްތާއަކު 3 ދުވަހު 2 ގަޑިއިރަށެވެ. އަދި އިމްތިހާން އޮންނާނީ ޕްރޮގްރާމް ފަށާތާ 3 މަހުން ކަމަށް ލައުޝާނާ ވަނީ މައުލޫމާތު ދެއްވާފައެވެ.

5 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ދަރިވަރުންނަށް އެންރޯލްވެވޭ މިޕްރޮގްރާމްތަކުގެ 2021 ވަނަ އަހަރުގެ އެންރޯލްމެންޓަށް މިހާރުވަނީ ހުޅުވާލެވިފައެވެ. ފީގެ ގޮތުގައި ކޮންމެ މަހަކަށް 1000 ރުފިޔާ ނަގާ މިޕްރޮގްރާމްތަކުގެ ތަފާތަކީ ދަރިވަރުގެ ހުނަރުގެ ތެރެއިން 50 އިންސައްތައިގެ ހުނަރު އެބަކަސް ޓެކްނިކްގެ ޒަރީއާއިން ކުރިއަރުވަން މަސައްކަތްކުރުމަށް ހަމަޖެހިފައިވުމެވެ.

" ދަރިވަރުގެ ބުއްދީގެ ނަޒަރުން ވިސްނުން ބައްޓަންކުރާނެ ގޮތާއި ހާސްކަން ނެތްގޮތަށް ކިޔަވާނޭގޮތް ދަރިވަރަށް އުނގަންނައިދެވޭނެ. ދަރިވަރުގެ ހުނަރުގެ 30 އިންސައްތަ ކުރިއަރުވަން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެން.އެލް.ޕީ ސްޓައިލްގެ އެހީގަ. މިގޮތުން ދަރިވަރު ކަންކަމަށް ސިކުނޑި ހުޅުވައިލެވޭ މިންވަރު އިތުރުކުރެވޭނެ. އަދި 20 އިންސައްތަ ހުނަރު ކުރިއަރުވާނީ އެ ދަރިވަރުން ކަންކަމަށް އިސްނެގުމަށް ބާރުއެޅުމުގެ މައްޗަށް" ލައުޝާނާ ވިދާޅުވިއެވެ.