ބޭނުންފުޅުވަނީ ސުލްހައާއި ހަމަޖެހުމާއި އަމާންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރީޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލުމަށް ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ފަހު ހަރަކާތުގައި ވާހަކަ ފުޅު ދައްވަކުން ރައީސް ވިދާޅުވީ ސުލްހައާއި ހަމަޖެހުމާއި ނުލައި ގައުމަށް ތަރައްގީއެއްވެސް ނުގެނެވޭނޭކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ސުލްހައާއި ހަމަޖެހުމާއި އަމާންކަން. އެއާ ނުލައެއް އެއްވެސް މީހަކަށް ދިރިއެއް ނޫޅެވޭނެ، ގައުމަކަށް ތަރައްގީއެއްވެސް ނުގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 2013 އިން ފެށިގެން 2018 އާ އެ ދޭތެރޭގައި މުޅިރާއްޖެ ވަނީ ދަތިތަކާއި ބިރުވެރިކަމާ ކުރިމަތިލައިފައި ކަމަށެވެ. އެކަން އެންމެން މިއަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ އަބަދުވެސް ވިސްނަންޖެހޭނޭ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންތައްތަކަށްފަހު ހަމަޖެހިގެން މިއަދު މިތިބެވެނީ ބަޔަކު މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އެދުވަސްވަރު އިދިކޮޅުޕާޓީންނާއި އެތެރެއިން ވެސް އުދަގޫތަކެއް ކުރިމަތިކުރުވި ކަމަށް ރައީސް ވިދާޅުވިއެވެ. "އެހެންނަމަވެސް އެކަންތަކާ ދޭތެރޭގައި ވިސްނުންތެރިކަމާއެކީގައި ގޮތް ނިންމުމުގެ ސަބަބުން އަޅުގަނޑުމެންނަށް މިހިސާބަށް އޭދެވިފައި މިތިބީ. އަޅުގަނޑުމެން ކުރިއަށްދާނީ މިހުރިހާ ތަޖުރިބާތަކެއްގެ އަލީގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން އެކުލަވާލެވޭ އެމަނިކުފާނުގެ ސަރުކާރެއްގައި އެކަހަލަ ދަތިއުދަގޫތަކެއް ކުރިމަތިވިޔަނުދެއްވާނޭ ކަމަށެވެ.