އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު މާޒީ އެކަހެރި ކުރުމަށްފަހު އެކީގައި މަސައްކަތް ކުރުމަށް އެމްޑީޕީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމުމަށް ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި އެއްވުމުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ވާދަވެރީންނަށް ދަންނަވާލަން ބޭނުންވަނީ މިމަސައްކަތް ނިމުމާއެކީ މާޒީ އެކަހެރިކޮށް، ވޭތުދިޔަތަން ބާއްވައިފައި އަޅުގަނޑުމެން އެކީގައި މަސައްކަތްކުރަން ނުކުތުމަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެގޮތަށް ގުޅިގެން މަސައްކަތްކޮށްފި ކަމަށްވާނަމަ ކުރިއަށް އޮތް ރިޔާސީއިންތިޚާބު ފަސޭހަކަމާއެކީގައި އެމްޑީޕީއަށް ކާމިޔާބުވާނޭކަމަށެވެ. "އަޅުގަނޑަށް ވަރަށް ސާފުކޮށް ފެނޭ މިކަން މިގޮތަށް ކުރެވިއްޖެކަމަށްވަންޏާ ދެހާސްތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޮޑުތަނުން ފަސޭހަކަމާއެކީ އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެތަން،" ރައީސް ވިދާޅުވިއެވެ.

މި ޕްރައިމަރީގައި ރައީސް ސާލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ޕްރައިމަރީގައި ބަލިވެވަޑައިގެންނެވިޔަސް ރައީސް ސާލިހުގެ ފަހަތްޕުޅަށް ވަޑައިނުގަންނަވާނޭ ކަމަށެވެ.