އަވަށްޓެރި ސްރީލަންކާއިން ކޮވިޑް-19 ގައި މަރުވާ މީހުންގެ ހަށިތައް އެންދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން ވަނީ އެދިފައެވެ. މިކަމުގައި ރާއްޖޭގެ ބައެއް އިލްމުވެރިންނާއި ސިޔާސީ ލީޑަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތު ވެފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެހެން ގައުމުތަކުގައި ކޮވިޑް-19 ގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދޭންވާނެ ކަމަށާއި އެއީ އިންސާނީ، އަދި ޢަޤީދާއާ ގުޅުންހުރި ދީނީ ޙައްޤެއް ކަމަށެވެ.
އަދި މުސްލިމުންނާއި އެހެނިހެންވެ ސް އިންސާނުންގެ އަސާސީ ޙައްޤުތައް ހޯދައިދޭން އެޤައުމެއްގެ ޤާބިލުކަންހުރި މިންވަރުން ކޮންމެ ޤައުމަކުން ވެސް ވަކާލާތު ކުރަންވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"އެއްވެސް ގޮތަކުން ޙައްޤު ހޯދައިދޭން ދަތިވެއްޖެ ނަމަ، މުސްލިމުންގެ ހަށިތައް އެނދިޔަ ނުދީ، އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމު ޤައުމަކުން ކުރެވިދާނެކަމެއްކަމަށް ދެކެން. މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ" ޝަހީމް ވިދާޅުވިއެވެ.
ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.