މިއަދު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ އެންމެހާ ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރަޓިކް އިންތިޚާބަކަށް ހެދުމަށް ކެމްޕޭން ޓީމުތަކަށާއި އެންމެހާ ސަޕޯޓަރުންނަށް ކެންޑިޑޭޓް ނަމްބަރު 2 ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިރުޝާދު ދެއްވާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިގޮތަށް އިރުޝާދު ދެއްވީ މިއަދުގެ އިމްތިޚާބު ގަޑުބަޑު ކުރެއްވުމަށް އެމަނިކުފާނުގެ ފަޅިން މަސައްކަތްކުރައްވާ ކަމަށް އެމަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވުމުންނެވެ. އޭނާ ވިދާޅުވެފައިވަނީ އިންތިޚާބު ކާމިޔާބުކުރުމަށް ރައީސް ސާލިހުގެ ޓީމުން ރޭވުންތަކެއް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ރޭވުމާ އެއްގޮތަށް އަމަލުކޮށްފިނަމަ މިއަދުގެ އިންތިޚާބު އިންސާފުވެރިވެސް ނުވާނޭ ކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފުގެ މިވާހަކައަށް ރައްދު ދެއްވައި ރައީސް ސާލިހުގެ ކެމްޕޭން ޓީމުން ބުނެފައިވަނީ "ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ޑިމޮކްރަޓިކް ދެފުށް ފެންނަ އިންތިޚާބީ އުސޫލުތައް ރާއްޖެއަށް ތައާރަފުކުރި މި ޕާޓީގެ އެތެރޭގެ އިންތިޚާބެއް ގަޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ، ވާދަވެރި ކެންޑިޑޭޓުންގެ ފަރާތުން އެއްވެސް އަސާސެއްނެތި އެފަދަ ތުހުމަތާ އިލްޒާމު އެޅުވުމަކީ ހިތާމަކުރާ ކަމެއް،" ކަމަށެވެ.

ރައީސްގެ ކެމްޕޭން ޓީމުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެތެރޭގެ މިއިންތިޚާބަށްފަހު މުޅިޕާޓީ އެކުގައި ކުރިއަށްގޮސް މިއަހަރު ސެޕްޓެމްބަރު ގައި ބާއްވާ ރިޔާސީއިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޒާތީ ތައައްސުބާއި، އެކަށީގެންނުވާ ބަހުރުވައާއި ޒުވާބާއި ޖަދަލުގެތެރެއަށް ނުވެއްޓުމަށް ރައީސް އިރުޝާދު ދެއްވި ކަމަށެވެ. އަދި އެގޮތުގައި މިހާރުވެސްތިބި ކެމްޕޭންޓީމުގެ މެމްބަރުންނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ޑިމްކޮރަޓިކް ރޫހުގައި، އެއް އަމާޒަކަށް ވާސިލުމަށް މަސައްކަތްކޮށް، އެޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ބަދަހި ސިޔާސީ ޕާޓީކަން ދުނިޔެ ދައްކައިދޭން ލިބޭ ފުރުސަތެއް ކަމަށް ރައީސް ސާލިހުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ.