ފުރާވަރު ކޭންޕު ށ. ކޮމަންޑޫގައި ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އަދި މިއީ ސާނަވީ މަރުހަލާގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ކޭމްޕެއްކަމަށާއި، މިއީ ފުރާވަރު ކޭންޕުގެ 93ވަނަ ކޭމްޕުކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒާއި މަރޮށި، އަލްމަދަރުސަތުލް މުނައްވަރާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އެ ކޭންޕު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް މުޙައްމަދު ބަޝީރު، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު އަދި ށ. އަތޮޅުތައުލީމީ މަރުކަޒާއި އަލްމަދަރުސަތުލް މުނައްވަރާގެ ޕްރިންސިޕަލުންނާއި މުދައްރިސުން ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ފުރާވަރު ކޭންޕަކީ ވަރަށް މާތް މަގުސަދެއްގައި ފުލުހުން ކުރިއަށް ގެންދާ ކޭންްޕެއްކަމަށާއި، މި ކޭންޕު ނިންމާ ދަރިވަރުންނަކީ އިސްލާމްދީނުގެ އަގީދާގައި ސާބިތުކަމާއެކު ހިފަހައްޓާ ދަރިވަރުންތަކެއްގެ ގޮތުގައި ދެމިތިބުމުގެ ވަރުގަދަ އަޒުމެއް އޮތް ދަރިވަރުންތަކަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ކޭންޕު ނިންމި ދަރިވަރުންނަކީ ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، ކުދިންގެ އުމުރާ ގުޅޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާ ދަރިވަރުންތަކަކަށްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ކުރިއަށް ގެންދާ މި ކޭންޕަކީ ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް މި ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ.

މިމަހު 26 އިން 28 އަށް ކުރިއަށް ގެންދިޔަ މި ކޭންޕުގައި ށ. އަތޮޅު ތައުލީމީ މަރުކަޒާއި މަރޮށި، އަލްމަދަރުސަތުލް މުނައްވަރާގެ ދަރިވަރުން ހިމެނޭހެން 126 ދަރިވަރުން ބައިވެރިވެފައިވެއެވެ.