ރާއްޖޭގެ ހަތަރު ސިޓީވެސް އޮތީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކުރިއަށްދާން ކަމަށް އިއްޔެ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޖުމްލަ ނަތީޖާއިން ފެނިއްޖެ ކަމަށް ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ "މާލޭ ސިޓީއާއި އައްޑޫސިޓީއާއި، ފުވައްމުލައް ސިޓީއާއި ކުޅުދުއްފުށި ސިޓީވެސް ޖުމްލަ ނަތީޖާއިން މިއޮތީ އެމްޑީޕީއާއެކު ކުރިއަށްދާން. ހުރިހާ ސިޓީއެއްވެސް މިއޮތީ އަޅުގަނޑުމެންނާއެކު. ވިސްނުން ތަފަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާއެކު ވާދަވެރީންނާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށަން ވެފައި ކަމަށެވެ. "އަޅުގަނޑުމެންގެ ވާދަވެރިންނާއެކީގައި އެކުގައި ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ފަށަންވި،" ރައީސް ވިދާޅުވިއެވެ. ޕްރައިމަރީގައި ރައީސް ސާލިހާ ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރޭގެ ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ މި ކެމްޕޭން މެދުކަނޑާ ނުލައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއެކީގައި ކުރިއަށް ގެންދަވާނޭ ކަމަށެވެ.