އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 48 ވަނަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މޮރޮކޯ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރި ކުރުމަށް ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން މޮރޮކޯއަށް ފޮނުވައިފި ކަމަށް ދެކުނު އެމެރިކާގެ ބައެއް މީޑިޔާތަކުން ބުނެފިއެވެ.
އެންމެފަހުގެ ވަރލްޑް ކަޕުގައި މަޝްހޫރު ސްޕެއިނާއި ޕޯޗުގަލް މުބާރާތުން ކަޓުވާލައި ދުނިޔެ ސިއްސުވާލުމަށްފަހު މުބާރާތުގެ 4 ވަނަ މަގާމް ހޯދި މޮރޮކޯގެ ފުޓްބޯޅަ ޓީމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ފޮނުވި މިދައުވަތާއިމެދު މޮރޮކޯގެ ފުޓްބޯޅައިގެ މައި އިދާރާ ރޯޔަލް މޮރޮކަން ފުޓްބޯލް ފެޑެރޭޝަނުން އަދި މަޝްވަރާ ނުކުރާކަމަށް އެގައުމުގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
ދެކުނު އެމެރިކާ ފުޓްބޯޅަ މުބާރާތަކީ ބައްރުން ބޭރު ގައުމެއް މުބާރާތުގައި ވާދަކުރާ ހަމައެކަނި ސަރަހައްދީ ފުޓްބޯޅަ މުބާރާތެވެ. އަނެއްކޮޅުން މިއީ ކޮޕާ އެމެރިކާގައި ބައިވެރިވުމުގެ ދައުވަތު އެފްރިކާ ގައުމަކަށް ދިން ފުރަތަމަ ފަހަރެވެ. ދައުވަތު ދީގެން ކޮޕާ އެމެރިކާގައި އެންމެފަހުން ބައިވެރި ކޮށްފައި ވަނީ ގަތަރު ގައުމީ ޓީމެވެ.
ކޮންމެ ދެއަހަރަކުން އެއްއަހަރު ބައްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާއެވެ. ބްރެޒިލްގައި ކުރިއަށް ދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދީ ފައިނަލުގައި ބްރެޒިލް 1-0 އިން ބަލިކޮށްފައެވެ.