އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައި ކައިވެނީގެ ރަސްމިއްޔާތުގެ ތެރެއިން ފިރިހެން މިހާއަށް ފައިސާ ގުނަން ހަވާލް ކުރި ޓެސްޓުން ފާސްނުވުމުން ޒުވާން އަންހެން ކުއްޖަކު ކައިވެނި ކުރަން ދެކޮޅު ހެދުމުން ދެއާއިލާގެ ދެމެދުގައި ހޫނު ޒުވާބެއް ހިނގައި ފުލުހުން އައިސް މައްސަލަ ހައްލު ކުރަން ޖެހިއްޖެއެވެ.
މިކަމެއް ހިނގީ ފިރިހެން މީހާގެ ކިބައިގައި އާދަޔާހިލާފް ކަންތައްތައްކެއް ހުރިކަމަށް އަންހެން ކުައްޖާގެ އާއިލާއަށް ފާހަގަވެ، ފިރިހެން މީހާ އަތަށް ދިހަ ރުފިޔާގެ 3 ނޫޓް ދިނުމަށްފަހު އެގުނަން ހަވާލް ކުރި ހިސާބުންނެވެ.
އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު މީޑިޔާއަށް މައުލޫމާތު ދެމުން ބުނީ އަންހެން ކުއްޖާ ކައިވެނި ކުރާނެ މީހަކު ހޯދީ އާއިލީ ގޮތުން ގާތް މީހަކު މެދުވެރިކޮށް ކަމަށާއި އޭނާއަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ކައިވެނި ކުރަން ހޯދި ފިރިހެން މީހާއާ ބައްދަލުކޮށް އެއީ ކޮންކަހަލަ މީހެއްތޯ ބަލާފައި ނުވާނެ ކަމަށެވެ.
"ކައިވެނީ ހަފްލާގެ ތެރެއިން ކައިވެނި ކޮށްދޭން ހުރި ފާދިރީ މިކިޔައިދިނީ ފިރިހެން މީހާގެ ކިބައިގައި ހުރި ސިފަތައް. އެހިސާބުން އަހަރެމެން ބޭނުންވީ ޔަގީން ކުރަން އޭނާއަކީ ކައިވެންޏަށް ފުރިހަމަ މީހެއްތޯ" އަންހެން ކުއްޖާގެ އާއިލާގެ ފަަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އޭނާއަށް (ފިރިހެން މީހާއަށް) ފައިސާ ގުނަން ނޭނގޭ ކަމާއި ވިސްނުމުގައި އުނިކަމެއް ހުރިކަމެއް ހުރިކަން އަންހެން ކުއްޖާއަށް އެނގުނު ހިސާބުން ބޭނުމެއް ނުވި ކައިވެނި ކުރާކަށް. އެހިސާބުން ދެއާއިލާގެ ދެމެދުގައި ހޫނުޒުވާބެއް ފެށި ފުލުހުން އަންނަން ޖެހުނީ. ނަސީބަކުން ފުލުހުންް މައްސަލަ ފައިލެއް ނުކުރޭ" އަންހެން ކުއްޖާގެ އާއިލާގެ ފާތުން ވާހަކަ ދެއްކި މީހާ މީޑިޔާއަށް ބުންޏެވެ.