މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމަސައްކަތްކުރި އެމްޓީސީސީން ބުނެފިއެވެ. މިއީ ނިމިއްޖެމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ކޮޅުފުށީގެ ގިރަމުންދާ 4 ސަރަހައްދެއް ވަނީ ރަށް ގިރުމުން ހިމާޔަތްކުރެވިފައެވެ. މިއީ ކޮޅުފުށީގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއް ގޮތުގައި ދެކޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 5،575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4،108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި، 518 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

އެރަށަކީ 1466 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. ރަށް ގިރުމުގެ މައްސަލައަކީ ޒަމާނުއްސުރެ އެރަށުގެ މީހުން ތަހައްމަލުކުރަމުން އައިސްފައިވާ ކަމެކެވެ.

ރަށްގިރުމުގެ ސަބަބުން ކޮޅުފުއްޓަށް ވަނީ ވަށައިގެން އެތަކެއް ގެއްލުމެއް ލިބި، އެތައް ރުއްގަހެއްވެސް ނެތިގެން ގޮސްފައެވެ. ރަށުގެ ހުރިހާ ފަރާތަކުންހެން ގިރަމުން ދިޔުމާއެކު، މި މައްސަލައަކީ މި ރަށު ރައްޔިތުންގެ ވަރަށް ދުވަސްވީ ކަންބޮޑުވުމަކާއި އުދާސްތަކެއް އޮތް ކަމެކެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.