ކާބަން ޑައިއޮކްސައިޑް (ސީއޯ2) ޖައްވަށް ދޫކުރުން ހައްލުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފިޔަވަޅެއްގައި އިންޑިއާގެ މާރޫތީ ސުޒުކީ އިން ވަނީ ގެރި ގުއިން ތޮބީއީ ގޭސް އުފައްދައިގެން ދުއްވާ ކާރު އުފެއްދުމަށް ނިންމާފައެވެ. މިއީ މާލީ އަހަރު 2030އަށް އަމާޒުކޮށްގެން އެކުންފުނިން އެކުލަވާލާފައިވާ މާރެހުގައި ބުނެފައިވާ ވާހަކައެކެވެ.
މަރޫޓީން މިހާރު ވެސް ގުދުރަތީ ގޭހުން ދުއްވާ ކާރުގެ 14 މޮޑެލްއެއް ވިއްކައެވެ. އިންޑިއާގެ ގުދުރަތީ ގޭހުން ދުއްވާ ކާރުގެ މާކެޓުގައި ގާތްގަނޑަކަށް %70 ހިއްސާ އޮންނަނީ މަރޫޓީގެ އެވެ.
ގޭހުން ދުއްވާ ކާރު އެކުންފުނިން ވިއްކަން ފެށީ 2010 ވަނަ އަހަރު ތިން މޮޑެލް އުފައްދައިގެންނެވެ. މިހާތަނަށް 1.14 މިލިއަނަށް ވުރެ ގިނަ ގޭހުން ދުއްވާ ކާރު ޔުނިޓް ވިއްކާފައި ވެއެވެ.
މާލީ އަހަރު 30 އާ ދިމާކޮށް ތިމާވެށްޓާ އިތުރަށް ރައްޓެހި ވުމަށް ސުޒުކީގެ ޚާއްސަ އިސްނެގުމަކީ ބަޔޯގޭސް ވިޔަފާރި ކުރިއެރުވުމެވެ. އޭގެ މައިގަނޑު ބަޔަކީ އިންޑިއާގެ ރަށްފުށުން ފެންނަ ގެރިގުއި ނަގައިގެން އެއިން އުފައްދާ ބަޔޯގޭސް އުފައްދައި ސަޕްލައި ކުރުމެވެ. އަދި އެ ގޭސް އެކުންފުނިން އަލަށް އުފައްދާ ގޭހުން ދުއްވާ ކާރިުގެ މޮޑެލްތަކުގައި ބޭނުން ކުރުމެވެ.
މަރުޓީން ވަނީ ބަޔޯގޭސްގެ އިންޖީނަށް ބަޔޯ ގޭސް އުފެއްދުމަށް ގެރިގުއި ހޯދުމަށް އިންޑިއާ ސަރުކާރުގެ އިދާރާ ކަމަށްވާ ނޭޝަނަލް ޑެއިރީ ޑިވެލޮޕްމަންޓް ބޯޑާއި އޭޝިއާގެ އެންމެ ބޮޑު ޑެއިރީ އުފައްދާ ކުންފުނި ބަނާސް ޑެއިރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ޖަޕާނުގައި ގެރިގުއިން ބަޔޯގޭސް އުފައްދާ ފުޖިސާން އަސާގިރީ ބަޔޯމާސް އެލްއެލްސީ އަށް ވެސް އެ ކުންފުނިން ވަނީ އިންވެސްޓްކޮށްފަ އެވެ.