މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ލޮލަށް ބުޅި ހެރިފައިވަނީ އުމުރުން 54 އަހަރުގެ މީހެއް ކަމަށާއި "އަސުރުމާ" ނަމަކަށް ކިޔާ މި މަސް ދޯނި މަސްވެރިކަން ކުރަމުން އައީ މ.މުލަކު ބޮއި ކައިރިންކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 15:20 ހާއިރުކަމަށްވެސް އެފަރާތުންވަނީ ވިދާޅުވެފައެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 114"، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން އަނިޔާ ލިބުނު މީހާ ވަނީ މިއަދު 16:15 ހާއިރު މ.މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.