މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

ފުލުހުންގެ މީޑީޔާ އޮފިޝަލަކު ވިދާޅުވީ، އަލުން މިމައްސަލަ ޕީޖީއަށް ފޮނުވީ ފުލުހުންގެ ތަހުގީގުން އިތުރަށް ތަހުގީގުކުރަންޖެހޭ ކަންތައް ތަހުގީގުކުރުމަށް ފަހުގައި ކަމަށެވެ. އެހެންނަމަވެސް، ދައުވާކުރުމަށް ފޮނުވި މީހުންގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުވާކުރަން ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މި މަހުގެ ކުރީކޮޅުއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސަފާރީ ކޭސް މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތަކެއްގެ ސަބަބުން މައްސަލަ ބަލައިގަތުމާއި މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް އޮފިޝަލާ ހާވާލާދީ ރިޕޯޓު ކޮށްފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ ދެ މީހުން ވެސް ދޫކޮށްލާފައެވެ.