ރާއްޖެއިން ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފިކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީއިން ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، ދަތިތައް އަދި ދިމާވެފައިވާ ކަންކަމުގެ ތެރެއިން މިނިސްޓްރީއާއި ޙިއްސާކޮށްފައިވާ ކަންކަމަށް ބައްލަވައި، އެއީ ދިމާވާ ކަންތައްކަމުގައިވާނަމަ، އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން އުމުރުން ދުވަސްވީ ފަރާތްތަކަށް ވީހާވެސް ބޮޑަށް އަޅާލުމާއި، ކެއިން ބުއިމާއި ބޭސްފަރުވާގެ ކަންކަމުގައިވެސް ފަރުވާތެރިވުމަށާއި އަދި ޢުމްރާއަށް މީހުން ގެންދާ ފަރާތްތަކުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރެއްވުންފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޢުމްރާ ގްރޫޕްތަކުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި، ހުރި ދަތިތައް މިނިސްޓަރާއި ޙިއްސާކުރައްވާފައެވެ.

މި ވާހަކަތަކަށް ބައްލަވަމުން މިނިސްޓަރ ވަނީ، ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް ދިމާވާ ކަންކަމާއި، ޢުމްރާއަށް ދާ ފަރާތްތަކަށް ދިމާވާ ކަންކަން ޙައްލުކޮށްދެއްވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމާއި އެކަންކަމަށް ޙައްލު ލިބޭނެކަމަށް ވިދާޅުވެފައިވެއެވެ.