ގދ. ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދުގައި ފެނަކައިން އިމާރާތްކޮށްފައިވާ އައު އިންޖީނުގެއިން ފަރެސްމާތޮޑާއަށް ކަރަންޓު ދިނުމަށްޓަކައި އަޅާ ހައިވޯލްޓޭޖު ކޭބަލް އެޅުމުގެ މަސައްކަތް ފެނަކަ މުވައްޒަފުން މިއަދު ފަށައިފިއެވެ.
ފަރެސްމާތޮޑާއިން މައުލޫމާތު ދިން ގޮތުގައި ކޭބޭބަލް އެޅުމަށްޓަކައި މަގު ކޮނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެއެވެ. އެމަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނޭ ކަމަށް ވެސް އެރަށުން މައުލޫމާތު ދިނެވެ.
އެއާޕޯޓު ސަރަހައްދުގައި ފެނަކައިން ބިނާކޮށްފައިވާ އައު އިންޖީނުގެއަކީ ރަށްރަށުގައި ކުރިންހުރި ބައު އިންޖީނުގެތައް ރީލޮކޭޓު ކުރުމަށް ފެނަކައިން ހިންގަމުންގެންދާ މަޝްރޫއުގެ ދަށުން އަޅައިފައިވާ އިންޖީނުގެއެކެވެ. އެރަށުގައި މިހާރު ބޭނުންކުރާ އިންޖީނުގެ ހުންނަނީ އެރަށު ސްކޫލް ކައިރީގައެވެ. އެހެން ކަމުން އިންޖީނުގެއިން ބޭރުވާ ދުމުގެ އަސަރު ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ޓީޗަރުންނަށް ކުރާކަމުގެ ޝަކުވާ ކުރިންވެސް ވަނީ ކޮށްފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. އެއާޕޯޓާއި އެރަށާ ގުޅުވާލުމަށް އަޅާ ކޯޒުވޭގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށް ކަމަށް އެމްޓީސީސީން ބުންޏެވެ.