ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެކަމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށުގައި އެމަސައްކަތްކުރާ ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތް ބާރަށްކުރިއަށްދާ ކަމަށާއި އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ މިހާރުވެސް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، އައު ހާބަރު ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތުގެ 92 އިންސައްތަ ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން 53.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެރަށުގައި ކުރިއަށް ގެންދާ މަޝްރުއެކެވެ.

މި މަޝްރޫޢުގެ ދަށުން، 30،933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 5،085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޗެނަލް ފުންކުރުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބަރު ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ސްކޯރިންގ އޭޕްރަންއެއް ހެދުމާއި، ބަނދަރު އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.