ރެއާލް މެޑްރިޑާއި ޕީއެސްޖީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކޮސްޓަރިކާގެ ތަޖުރިބާކާރު ކީޕަރު ކޭލޯ ނަވަސް އިނގިރޭސި ޕްރިމިއަރ ލީގުގެ ނޮޓިންހަމް ފޮރެސްޓަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވެއްޖެއެވެ.
އުމުރުން މިހާރު 36 ގެ ނަވަސް ފޮރެސްޓަށް ބަދަލުވީ މިސީޒަނުގެ ނިޔަލަށެވެ. ނަވަސް އެކްލަބަށް ގެނައުމުގެ މައިގަނޑު އަމާޒަކީ ޕްރިމިއަރ ލީގުގައި ދެމިއޮތުމަށް އެކްލަބުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ހޯދުމެވެ. ފޮރެސްޓަކީ މިސީޒަނުގައި ޕްރިމިއަރ ލީގުގެ ކްލަބުތަކުގެ ތެރެއިން ދެވަނައަށް ބައިކޮޅަށް އެންމެ ގިނަ ލަނޑު ވަދެފައިވާ ޓީމެވެ. އެޓީމަށް ގެއްލުން 19 ލަނޑު އެބައޮތެވެ. ރެއާލްއާއެކު ތިންފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ނަވަސްއާއެކު ފޮރެސްޓުގެ ޑިފެންސް ލައިނަށް ބޮޑު އިތުބާރެއް ލިބިގެންދާނެއެވެ.
ޓީމު ވަރުގަދަ ކުރުމަށް ފޮރެސްޓުން ރޭގެ ވަގުތެއްގައި ވަނީ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ ތަޖުރިބާކާރު ޑިފެންޑަރު ފެލިއްޕެ،33، އާއި ނިއުކާސަލްއަށް ކުޅެމުންދިޔަ ތަޖުރިބާކާރު މިޑްފީލްޑަރޫ ޖޯޖޯ ޝެލްވޭވެސް އެކްލަބަށް ގެންގޮސްފައެވެ.
ފޮރެސްޓް މިވަގުތު އޮތީ 21 ޕޮއިންޓާއެކު ޕްރިމިއަރ ލީގުގެ ތާވަލުގެ 13 ވަނައިގައެވެ. ލީގުގައި އެކްލަބަށް ކުރިއަށް އޮތީ އަންނަ އާދިއްތަ ދުވަހު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އެކަމަކު އޭގެ ކުރިން ލީގް ކަޕް ސެމީފައިނަލުގެ ދެވަނަ ލެގުގައި މާދަމާ ރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ފޮރެސްޓް ނިކުންނާނެއެވެ.