އެމެރިކާއިން ނިންމާފައިވަނީ އެގައުމުގެ މުވާސަލާތީ ވިއުގައިގެ އެއްވެސް ދިމާލެއްގައި ޗައިނާގެ ވާވޭ ކުންފުނީގެ އެއްވެސް އާލާތެއް ބޭނުން ނުކުރުމަށެވެ. އެމެރިކާގެ ފެޑެރަލް ކޮމިއުނިނޭޝަން ކޮމިޝަނުން އަންގާފައިވަނީ ހުރިހައި މޮބައިލް ޚިދުމަތްދޭ ކުންފުންޏަކުންވެސް ވާވޭގެ ސާމާނުތައް ނަގައި އޭގެ ބަދަލުގައި އެހެން ކުންފުނިތަކުގެ ސާމާނުތައް ބޭނުންކުރުމަށެވެ.

މީގެ އިތުރުން ޗައިނާ ޓެލްކޮމް ކޯޕަރޭޝަނަށްވެސް އެމެރިކާގައި މުވާސަލާތީ ވިޔަފާރި ކުރުމަށް ހުއްދަ ނުދިނުމަށް ނިންމިއެވެ.

ފެޑަރަލް ކޮމިއުނިކޭޝަން ކޮމިޝަންގެ ރައީސް އަޖިތު ޕާއީ ވިދާޅުވީ، ސައިބަރ ސެކިއުރިޓީއާއި ރައްޔިތުންގެ ޒާތީ މައްލޫމާތުތައް ސިއްރު ކުރުމަށް ވާވޭއަށް އަންގާފައިވާ އެއްގުމަށް އެފަރާތުން އަމަލުކޮށްފައި ނުވެއެވެ. އަދި މީގެ ސަބަބުން ޖާސޫސްކުރުމުގެ އަމަލުތަކަށް އެމެރިކާ ސަރުކާރާއި ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޕާއީ އިތުރަށް ވިދާޅުވީ މިކުންފުންޏަކީ ހީކޮށްފައިވާ ގޮތާ ޚިލާފަށް ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށެވެ.

2019 އިން ފެށިގެން އެމެރިކާއިން ބުނަމުން ދަނީ ޗައިނާގެ ވާވޭއާއި ޒެޑްޓީއީ އަކީ ނުރައްކަލެއް ކަމަށެވެ. ނަމަވެސް ފަހުން ވާވޭގެ ބައެއް ސާމާނުތައް ރަށްފުށުގެ ކުދި ވިއުގަ ތަކުގައި ބޭނުން ކުރުމަށް އޮތީ ހުއްދަ ދީފައެވެ. މިހާރު އެކަންވެސް ނިމުމަކަށް އައީ އެވެ.

އެއްވެސް މުވާސަލާތީ ވިއުގައަކުން ވާވޭގެ ސާމާން ބަދަލު ކުރާއިރު އެކަމަށްދާ ހޭދަ އެމެރިކާ ސަރުކާރުން ދިނުމަށްވެސް ވަނީ ނިންމާފައެވެ. މި މަސައްކަތަށް ޕާއީ ދެއްވި ނަމަކީ ރިޕް އެންޑް ރިޕްލޭސް ޕޮލިސީ އެވެ.

ޗައިނާގެ 5ޖީ ގެ ޚިދުމަތާއި މުވާސަލާތީ ޚިދުމަތުގެ ސާމާނުތައް ވިއްކާ ވާވޭއަކީ ކެނެޑާގެ ނޯޓެލްގެ ޓެކްނޮލޮޖީ އިން އަމިއްލަ ޓެކްނޮލޮޖީ އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ ބާނީ އަކީ ޗައިނާގެ ސިފައިންގެ ތެރޭގައި އުޅުނު އިންޖިނޭރެކެވެ.