ބ.ކެންދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މިއީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހިންގި ޕްރޮގްރާމެކެވެ.

މިމަހުގެ އެއް ވަނަ ދުވަހުގައި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ސަލީމެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ޕްރޮގްރާމަކީ ކެންދޫގެ ރަށު ކައުންސިލާއި އެ ރަށު ރައްޔިތުންގެ އެހީތެރިކަމާއެކު، ޖަނަވަރީ 25 އިން ފެބުރުވަރީ އެކަކަށް ހިންގި ޕޮރޮގްރާމެއް ކަމަށެވެ. އަދި އެ ރަށުން 14 ފަރާތަކުން މި ޕްރޮގްރާމުގައި ބައިވެރިވިވެފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

ކެންދޫގެ ދެ ޖިންސުގެ މީހުން ވެސް ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާން ރޯވުމަށް ދިމާވާ ސަބަބުތަކާއި، އަލިފާން ރޯވެއްޖެނަމަ ނިއްވާނޭ ގޮތްތަކުގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތައް ޢަމަލީގޮތުން ބޭނުންކުރަން ދަސްކޮށްދިނުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، މޭޖަރ އަޙްމަދު ބޫލާގާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ ޢަލީ ނަޞީރުގެ އިތުރުން ބ.ކެންދޫ ކައުންސިލްގެ ރައީސާއި ސެކެޓްރީ ޖެނެރަލް ބައިވެރިވެލެއްވިކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.