މިނިވަން ދައުލަތެއް އުފެއްދުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކުރުންމަތީ ގަތަރު އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ގަތަރުގެ އަމީރު ދެއްވައިފިއެވެ.

ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީ މިކަން ހާމަކުރެއްވީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ގަތަރުގެ ދޯހާގައި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގަތަރުގެ އަމީރު މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ގަލްފްގައި ހިމެނޭ އަރަބި ގައުމުތަކުން ގެންދަނީ އިސްރާއީލާ ސިޔާސީ ގުޅުން އުފައްދަމުންނެވެ. އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް އެންމެފަހުން ނިންމާފައިވަނީ މޮރޮކޯއިންނެވެ.

އޭގެކުރިން، ޔޫއޭއީ، އަދި ބަހްރެއިނުންވެސް އިސްރާއީލާ އާދައިގެ ގުޅުން ގާއިމްކޮށްފައި ވެއެވެ. އަދި ސޫދާނުންވެސްވަނީ އިސްރާއީލާ ގުޅުން އުފައްދަން ނިންމާފައެވެ.

މޮރޮކޯގެ ރަސްގެފާނު މުހަންމަދު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ދަންނަވާފައިވަނީ، އިސްރާއީލާ އާދައިގެ ގުޅުމެއް ގާއިމްކުރި ނަމަވެސް، ދެދައުލަތުގެ ހައްލަށް ތާއީދުކުރުންމަތީ މޮރޮކޯ ދެމިއޮންނާނެ ކަމަށެވެ.

މޮރޮކޯއިން އިސްރާއީލާ ސިޔާސީ ގުޅުން އުފެއްދުމުގެ ބަލަށް އެމެރިކާއިންވަނީ މޮރޮކޯގެ މައްސަލަ ޖެހިފައިވާ ވެސްޓަން ސަހާރާ ސަރަހަދަކީ މޮރޯކޯގެ އިސްތިގްލާލްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް ބަލައިގަނެފައެވެ.

ވެސްޓަން ސަހާރާ މިނިވަން ދއުލަތަކަށް ހެދުމަށް ޕޮލިސާރިއޯ ފްރަންޓުން ހަނގުރާމަކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.

ގަތަރުގެ އަމީރު ވިދާޅުވީ، އަރަބީންގެ އިސްނެގުމަށް ހުށަހަޅާފައިވާ މެދުއިރުމަތީގެ ސުލްގައިގެ ޕްލޭނަށް ތާއީދުކުރުންމަތީ ގަތަރު އޮންނާނީ ފަލަސްތީނު ރައްޔިތުންނާ އެކުގައި ކަމަށެވެ.

އަރަބީންގެ ސުލްހައިގެ ޕްލޭންގައި ކަނޑައަޅާފައިވަނީ ދެދައުލަތުގެ ހައްލަކަށް ދިއުމަށެވެ. ބައިނަލްއަގްވާމީ އެހެން މުއާހަދާތަކުގައިވެސް ވަނީ އެ ހައްލެވެ.

ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރެވޭއިރު، ފަލަސްތީނުގެ އެތެރޭގެ އެއްބައިވަންތަކަން އޮތުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީ ވާހަކަފުޅު ދެއްކެވިއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތުގެ މައްސަލައާއި، ފަލަސްތީނު ރައްޔިތުން ތަހައްމަލް ކުރަމުންދާ ވޭނާއި ކެކުޅުންތައް އެއްފަރާތްކޮށް، ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ އިސްތިއުމާރުކޮށްގެންއޮތް އިސްރާއީލާ އަރަބި ގައުމުތަކުން ގުޅުންތައް އުފައްދަމުން ގެންދާތީ ފަލަސްތީނު އޮތީ ވަރަށް ބޮޑަށް ނާއުންމީދު ވެފައެވެ.

ގަތަރުގެ ޚާރިޖީ ވަޒީރުވެސް ކުރިން ވިދާޅުވެފައިވަނީ، އަރަބި ބައެއް ގައުމުތަކުން އިސްރާއީލާ އާދައިގެ ގުޅުމެއް ގާއިމްކުރުމުން، ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވާނެ ކަމަށެވެ.