ދިވެހިރާއްޖެއަށް ދެންވެސް ޑިމޮކްރަސީ ގެނެވޭނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކަމަށް ރާއްޖޭގައި ކުރިން ވެރިކަންކުރެއްވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ހޯޕްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަޓިކްވެރިކަމެއް ކުރެއްވީ އެމަނިކުފާނާއި ރައީސް ޔާމީން ކަމަށެވެ. އެހެންނަމަވެސް މިހާރުއެކަން ވަނީ މާޒީވެގޮސް އެހެން މީހުންގެ ހައްގުތައް ގެއްލެން ފަށައިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވެރިކަން ކުރެއްވުމަށްފަހު ރީތިކޮށް ގޭގައި ހުންނެވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންނަމަވެސް ގޭގައި މަޑުނުކުރައްވައި އަލުން ސިޔާސީ މައިދާނަށް ނުކުންނެވީ ޑިމޮކްރަސީ ރާއްޖެއިން ގެއްލިގެންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނާ ބެހޭ ގޮތުން ޑރ. ވަހީދު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނޭ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.