ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ބާއްވާ "ބުންވަރު ހިނގާލުން" ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިއީ ދަރުބާރުގޭގައި އިއްޔެ ފެށި ހޯޕްސް ކޮންފަރެންސްތެރޭގައި ހިމެނޭ ހިނގާލުމެކެވެ. މި ހިނގާލުމުގައި ވެސް ގޮވާލާނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށެވެ. ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ. ހިނގާލުން ފަށާނީ ޕީޕީއެމް އޮފީސް ކުރިމަތީންނެވެ.

މިހިނގާލުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް ގެ ބޭފުޅުންނާއި ގިނައަދަދެއްގެ ސަޕޯޓަރުން ބައިވެރިވާނޭ ކަމަށް ކޯލީޝަނުން ބުންޏެވެ. އޭގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނާއިބުންނާއި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުމްނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ވެސް ހިމެނެއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ކޮންފަރެންސްގައި ޕީޕީއެމް/ޕީއެންސީން ބުނެފައިވަނީ ރިޔާސި އިންތިޚާބުގައި ރައީސް ޔާމީން ނޫން އެހެން ރިޔާސީ ކެންޑިޑޭޓަކު ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ ރައީސް ޔާމީން މާރިޗުމަހު މިނިވަންވާނޭ ކަމަށް ކުރެވޭ އުންމީދު ވަރަށްބޮޑު ކަމަށެވެ.

މި ހިނގާލުމަކީ ފުލުހުންގެ ހުއްދަ ލިބިގެން ކުރިއަށް ގެންދާ ހިނގާލުމެކެވެ. ދަރުބާރުގޭގައި އިއްޔެ ފެށި ހޯޕްސް ކޮންރެންސަކީ ރައީސް ޔާމީންގެ ކެމްޕޭން ފެށުމާއި ކޯލިޝަން ވަރުގަދަކޮށް އެކުވެރި ކުރުމުގެ ބޭނުމުގައި ފެށި ކޮންފަރެންސެކެވެ. ކޮންފަރެންސްގެ ނިމުން އޮންނާނީ މާދަމާރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.