ފްރާންސް ގައުމީ ޓީމާއި ޕީއެސްޖީގެ ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ސަލާމަތްވެ އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭވަރު ވާނީ ތިން ހަފްތާއެއްހައި ދުވަސް ފަހުން ކަމަށް ޕީއެސްޖީއިން ބުނެފިއެވެ.

އެންމެފަހުގެ ވަރލްޑް ކަޕުގެ ރަންބޫޓްވެސް ހޯދި އެމްބައްޕޭއަށް އަނިޔާވީ ފްރާންސް ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޮންޓްޕެއްލިއާ އަތުން 3-1 އިން ޕީއެސްޖީ މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. އަނިޔާއާ ގުޅިގެން އެމްބައްޕޭ ވަގުތުން ދަނޑުން ބޭލީއެވެ. އެމްބައްޕޭއަށް އަނިޔާވުމުގެ ކުރިން އޭނާ އަތުން 2 ޕެނަލްޓީ އާއި ލަނޑުޖަހަން ހުހަށް ލިބުނު ފުރުސަތެއް ބޭކާރުވިއެވެ.

މިސީޒަނުގައި 26 މެޗުން 25 ލަނޑު ޕީއެސްޖީއަށް ކާމިޔާބު ކޮށްދީފައިވާ އެމްބައްޕޭއަށް އަނިޔާގެ ސަބަބުން ގެއްލޭނެ އެންމެ މުހިއްމު މެޗަކީ ޗެމްޕިއަންސް ލީގް ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މިމަހުގެ 14 ވަނަ ދުވަހު ޖަރުމަނުގެ ވަރުގަދަ ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މީގެ އިތުރުން މިމަހުގެ 8 ވަނަ ދުވަހު ފްރާންސް ކަޕުގައި ވާދަވެރި މާސޭއާ ދެކޮޅަށް ކުޅެން ޖެހޭ މެޗާއި އޭގެ ތިން ދުވަސްފަހުން ލީގުގައި އެމްބައްޕޭގެ ކުރީގެ ކްލަބް މޮނާކޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގައިވެސް އެމްބައްޕޭއަށް ނުކުޅެވޭނެއެވެ.