ޖެނުއަރީ ޓްރާންސްފާގައި 289 މިލިޔަން ޕައުންޑް ޚަރަދުކޮށް 8 ކުޅުންތެރިން ގެނައި ޗެލްސީން ރޭ ޕްރިމިއަރ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗް ލަނޑެއް ނުޖެހި ނިންމާލަން ޖެހިއްޖެއެވެ.

ޗެލްސީގެ ސްޓެމްފޯޑްބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ އެގާރައިން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރިހުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ގެނައި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްއަށް ފުރުސަތު ދިނެވެ. އޭނާ ވަނީ މެޗް އެއްކޮށް ކުޅެފައެވެ.

ޗެލްސީން ފުލަމްއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ.

ޗެލްސީން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މިމެޗުގައި ފުލަމްއިން ވަނީ ޗެލްސީގެ ގޯލަށް އަމާޒުކޮށް 4 ހަމަލާ ފޮނުވާލާފައެވެ. ޗެލްސީއަށް ފުލަމްގެ ގޯލަށް އަމާޒުކޮށްލެވުނީ 3 ހަމަލާއެވެ.

މިއީ ޗެލްސީގެ މިހާރުގެ ކޯޗް ގްރެހަމް ޕޮޓާ އޭނާގެ ކެރިޔަރުގައި ފުލަމްއަތުން މޮޅެއް ނުހޯދި ނިންމާލަން ޖެހުނު 5 ވަނަ މެޗެވެ. ކުރިން ބްރައިންޓަންގެ ކޯޗަކަށް ހުރި ޕޮޓާ މިހާތަނަށް ފުލަމްއާ ދެކޮޅަށް އިރުޝާދުދިން 5 މެޗުގެ ތެރެއިން 3 މެޗުންް ބަލިވީއެވެ. އަނެއް 2 މެޗް ނިމުނީ އެއްވަރު ވެގެންނެވެ. ފުލަމްއިން ވަނީ ޕްރިމިއަރ ލީގުގައި މިސީޒަނުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފައިކަންވެސް ފާހަގަ ކޮށްލެވެއެވެ. އެކަމަކު އޭރު ޗެލްސީގެ ކޯޗަކަށް ހުރީ ޖަރުމަނުގެ ކާމިޔާބު ކޯޗް ތޯމަސް ޓުޗެލްއެވެ.

ލީގް ތާވަލުގެ 9 ވަނައިގައި ޗެލްސީ އޮތީ މިހާތަނަށް ކުޅުނު 21 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ. މިއީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް ވުރެ 20 ޕޮއިންޓް މަދު އަދަދެކެވެ. އަނެއްކޮޅުން ޗެލްސީ އަތުން ލިބުނު ލިބުނު ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައި ފުލަމް އޮތީ 32 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ބައެއް މެޗުތައް:

1. އެވަޓަން - އާސެނަލް (17:30) 2. މެންޗެސްޓަރ ޔުނައިޓެޑް - ކްރިސްޓަލް ޕެލަސް (20:00)

3. ވޮލްވުސް - ލިވަޕޫލް (20:00) 4. ނިއުކާސަލް - ވެސްޓްހޭމް (22:30 )