ސައުދީ އަރަބިއަން ޕްރޯ ލީގުގައި ރޭ މެޗުގެ އިތުރު ވަގުތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ޕެނަލްޓީއިން 2-2 އިން އަލް ފާތިހްއާ އެއްވަރުކޮށް ތާވަލުގެ އެއްވަނަ މަގާމަށް އަލް ނަސްރު ޖެހިލައިފިއެވެ.
އަލް ފާތިހުގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް އެކްލަބުންނެވެ. މިލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކުރިން ބާސެލޯނާއަށް ކުޅުނު ސްޕެއިނުގެ ފޯވާޑް ކްރިސްޓިއަން ޓެއްލޯއެވެ. މިލަނޑު އޭނާ ޖެހީ އޭރިޔާގެ ސެންސާކަލް މަތިންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަސްރަށް އެއްވަރު ކުރިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ހުނަރުވެރި އެޓޭކިންގ މިޑްފީލްޑަރު ޓަލިސްކާއެވެ.
ދެވަނަ ފަހަރަށް އަލް ފާތިހުން ލީޑް ނެގީ ދެވަނަ ހާފުގެ ކުރީކޮޅު އަލްޖީރިއާގެ މިޑްފީލްޑަރު ސޮފިޔާންގެ ހިތްގައިމު ލަނޑަކުންނެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ނަސްރަށް ހިތްހަމަ ޖެހުން ލުބުނީ މެޗުގެ އިތުރު ވުގުތުގައި ޕެނަލްޓީ ލިބުމުންނެވެ. މިޕެނަލްޓީ ރޮނާލްޑޯ އަމާޒުކޮށްލީ ގޯލުގެ މެދަށެވެ. މިއީ ސައުދީ ލީގަށް ބަދަލުވިފަހުން ލީގުގައި ރޮނާލްޑޯ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ލަނޑެއްވެސް ޖެހިއެވެ. އެކަމަކު ރެފްރ ނިންމީ ރޮނާލްޑޯ އޮފްސައިޑް ކަމަށެވެ. އޭގެފަހުން ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
މިމޮޅާއެކު ތާވަލުގެ ކުރީގައި ނަސްރު އޮތީ 15 މެޗުން ލިބުނު 34 ޕޮއިންޓާއި ފައިދާ 22 ލަނޑާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އަލް ޝަބާބަށްވެސް ލިބިފައި ވަނީ 34 ޕޮއިންޓެވެ. ލީގުގައި މިހަފްތާގައި އަލް ޝަބާބް ކުޅެން ޖެހޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ އަލުން ޝަބާބަށް ލީގުގެ އެއްވަނަ ލިބޭނެއެވެ.