އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ހޯދުމާއި ހޯދައިދިނުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް އަދި ޗުއްޓީއެއް ނެގުމަކާނުލައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީފަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 19 ޖޫން 2018 ގައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު އެ ކުންފުނީގެ އެސިސްޓެންޓް އެޗް.އާރް މެނޭޖަރ އަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެއެ ކޮމިޝަނުން ބުންޏެވެ.، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދިފައިވާކަން އެނގޭ ކަމަށް

2018 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެންބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބިއިރު، މި މުވައްޒަފުން އޮފީހަށް ޙާޟިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި އެލަވަންސް ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒްއަކީ، ރިލީޒްދިނުމުގައި ޢަމަލުކުރަމުންދާގޮތާ ޚިލާފަށް ދީފައިވާ ރިލީޒްއެއްކަން މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން، އެ ދުވަސްވަރު ރިލީޒްދީފައިވާ މުވައްޒަފުން އޮފީހަށް ޙާޒިރުނުވި ނަމަވެސް، އެފަރާތްތަކުން އޮފީހަށް ޙާޒިރުވިކަމަށް ދެއްކުމަށްޓަކައި، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލުގެނައުމަށް، މުޙައްމަދު ރަޝީދު، އެ ކުންފުނީގެ އައިޓީ މުވައްޒަފުންނަށް އަންގާފައިވާކަން، މި މައްސަލައިގެ ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.