ދިވެހިރާއްޖޭގައި ހެޔިވެރިކަމުގެ ނިޒާމެއް ގާއިމްކުރެއްވީ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް މާވަށު ދާއިރާގެ މަޖިލީސް މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ޕީޕީއެމުން ރޭ ބޭއްވި "ދުއްޕާން" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އެހެންކަމުން ރައީސް ޔާމީން ނޫން އެހެން ބޭފުޅަކަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓީކެޓެއް ނުލިބޭނޭ ކަމަށެވެ. ރައީސް ޔާމީނަކީ ގަޓު ހުންނެވި ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި އެއާއެކު އެމަނިކުފާނަކީ ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"މި ޕާޓީގެ ރިޔާސީ ޓިކެޓެއް އެއްވެސް ފަރާތަކަށް ދޫންޏެއް ބާޒެއް އެހެން ޖަހައި ނުގަނެވޭނެ. އަޅުގަނޑުމެންގެ ޓިކެޓް ލިބޭނީ ރައީސް ޔާމީނަށް،" ސައީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ޓިކެޓު ބޭނުންވެގެން އުޅުއްވާ ކަމަށް ދެކެވޭވާހަކަތަކަށް ވެސް ސައީދު ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ ޓިކެޓު ބޭނުންވެގެން އުޅުއްވާ ކަމަށް އަޑުއަރާފައިވާ ބޭފުޅުންވެސް ވިދާޅުވަނީ ރައީސް ޔާމީން ނޫން އެހެން ބޭފުޅަކަށް ޓިކެޓު ދެއްވަން ބޭނުންނުވާ ކަމަށެވެ. ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ވެރިކަމަށް ގެންނަން ބޭނުން ނުވާކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށް ސައީދު ވިދާޅުވިއެވެ. "އެ ނޫން ޗޮއިސްއެއް ބޭނުމެއްނޫނޭ. ހެޔޮވެރިކަމުގެ ނިޒާމް މިގައުމުގައި ގާއިމް ކުރެއްވީ ރައީސް ޔާމީން،" ސައިދު ވިދާޅުވިއެވެ.