ބޭސިކް ސީމަންޝިޕް ކޯހުގެ ހަތަރު ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން ކުރިއަށްގެންދިޔަ ކޯހެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ މިމަހު ދެވަނަ ދުވަހު ބޭއްވި މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ޖަޕާން އެމްބެސެޑަރ ޓަކޫޗީ މިޑޯރީ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ހެޑް އޮފް މެރިން ޕޮލިސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް، ޔޫ.އެން.އޯ.ޑީ.ސީގެ ހެޑް އޮފް އޮފީސް އެންރިކޯ ބޮނިންގ ސެނާ، މެރިޓައިމް ލޯ އެންފޯސްމަންޓް އިންސްޓްރަކްޓަރ ޕޯލް، ނެޝަނަލް ޕްރޮގްރާމް އޮފިސަރ މުޙައްމަދު އަރުޖުން އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު ބައިވެރިވެލެއްވިކަމަށްވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، ހެޑް އޮފް މެރިން ޕޮލިސް އިބްރާހީމް އަދުނާން އަނީސް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ކޯހެއްގެ މުހިންމު ކަމާއި، މި ކޯހުން ލިބުނު އިލްމާއި ހުނަރުގެ ބޭނުން މަސައްކަތުގައި ހެޔޮގުތުގައި ހިފުމަށް އެދިލެއްވިއެވެ.

މިއީ މިދިޔަމަހު ބާވީހުން ފެބްރުވަރީ 2 އަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގައި ފަސް ފުލުހުންނާއި ކަސްޓަމްސްގެ ތިން މުވައްޒަފުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. މި ކޯހުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ކަނޑުމަތީގެ އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، މެރިޓައިމް ލޯ، މެރިޓައިމް ބޯޑިންގ، މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިންގ، ސަވައިވަލް އެންޑް ރެސްކިއު، އަދި ވެސަލް ޕޭސްޓިންގ މައުލޫގެ ދަށުން މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ މިކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަނޑުމަތީގެ ޚިދުމަތްތައް ހަރުދަނާކޮށް ގާބިލު ސީމަނުން ބިނާކުރުމަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.