ލިޔުނީ: އިބްރާހިމް ނަސީމް

ފަހަކަށްއައިސް ކާބޯތަކެތީން ނުވަތަ އެއްވެސް ބާވަތެއްގެ ބޭހަކުން އިންސާނާއަށް ނުރައްކާވާ ކަމިކަލެއް ފެނިއްޖެނަމަ އެތަކެތި ނައްތާލައެވެ. އެމުދަލެއްގެ ބެޗް އެއްކޮށް ފިހާރަތުން ނަގަންވެސް އަންގައެވެ. ނަމަވެސް ސިއްހީމާހިރުން އެތައް އާދޭހޭހެއް ކުރާއިރުވެސް ދުންފަތުގެ ބާވަތްތަކުގައި ކެމިކަލް ހުންނަކަން ކަށަވަރުވާއިރުވެސް ދުންފަތުގެ ބާވަތްތައް މަނަލެއް ނޫނެވެ. މިއީ ކޮންފަދަ އަރަތެއް ތޯއެވެ.

ދުންފަތުގެ ބާވަތްތަކަކީ އިންސާނުންގެ ސިއްޙަތަށް ނުހަނު ގެއްލުންހުރި އެއްޗެކެވެ. މިއީ ހަމައެކަނި ދުންފަތުގެ ބޭނުންކުރާ މީހުންނަށް އެކަނި ވާ ގެއްލުމެއް ނޫނެވެ. ދުންފަތުގެ ދުމަށް ނުސީދާކޮށް ހުށަހެޅޭ މީހުންނަށްވެސް މީގެ ނޭދެވޭ އެތައް އަސަރުތައް ކުރެއެވެ. ދުންފަތުގެ ބާވަތްތަކުގައި އެތައް ހާސް ކެމިކަލް މާއްދާއަކާއި 250 ހަށްވުރެގިނަ ވިހަ އެކުލެވޭކަން ދިރާސާތަކުން ދައްކައެވެ. އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ވެސް ފާހަގަ ކުރެވިފައިވެއެވެ.

ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް މިފަދަ ނުރައްކާތެރި އަސަރުތައް ކުރާކަމީ އަޅުގަނޑުމެން އެންމެން ވިސްނާލަންޖެހޭ ކަމެކެވެ.

ޑަބްލިއު އެޗް އޯ އާއި ހަވާލާދީ އާއްމުކުރާ ލިޔުންތަކުގައި ބުނާގޮތުން ފުއްޕާމެއަށް ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެތެރެއިން 85 އިންސައްތައަކީ ދުންފަތުގެ ސީދާ ދުމެވެ. އަދި ދުނިޔޭގެ އާބާދީގެ ތެރެއިން އަހަރަކު 8 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި ދުނިޔެދޫކުރާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. މީގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން ދުނިޔެ ދޫކުރަންޖެހޭ މީހުން ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ. މިއީ ވަރަށް ބޮޑު އަދަދެކެވެ. އަދި މިއީ ހަމައެކަނި ތަފާސްހިސާބެއް ނޫނެވެ. މިއީ އިންސާނީ ފުރާނަތަކެވެ.

މި ދެންނެވި ސަބަބުތަކާއިހުރެ ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރަން ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކުންދަނީ އަބަދުވެސް އިލްތިމާސްކުރަމުންނެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިންމު ނުކުތާއެއް އެބައޮތެވެ. އެއީ، މީހުންނަށް ދޭ ބޭހަކުން ނުވަތަ ކާބޯތަކެތީން ކެމިކަލެއް ފެނިއްޖެނަމަ އެ ކެމިކަލެއް ފެނުނު ބެޗެއް އެއްކޮށް ނައްތާލަން ޖެހޭކަމެވެ. އަދި އެފަދަ ކާބޯތަކެތި ވިއްކައިފިނަމަ އެތަނެއް ނުވަތަ ބަޔަކު ކުށްވެރިވެސް ވެއެވެ. ނަމަވެސް ދުންފަތުގެ އާލަތްތަކާއި ތަކެތި ކިތައްމެވަރަކަށް ވިއްކިޔަސް މައްސަލައަކަށް ނުވެއެވެ. ނުރައްކާތެރި ކެމިކަލް ހުންނަކަން އެނގޭމެއެވެ. މަނާކުރާނެ އިދާރާއެއް ނެތެވެ. މިއީ އަޅުގަނޑުމެން އެންމެން މިކަމާއި ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. ދުންފަތުގައި އެކުލެވެނީ ނުރައްކާތެރި ކެމިކަލް ނޫންތޯއެވެ. މިއީ ނުރައްކާވާ އެއްޗެކޭ ބުނެ ފޮޓޯ ޖަހައިގެން ނުރައްކާތެރި ކެމިކަލް ހުންނަ ކާބޯތަކެތިވެސް ނުވިއްކެންވީ ސަބަބަކީ ކޮބައިތޯއެވެ. އިންސާނާއަށް ނުރައްކާވަނަމަ ކޮންމެ ބާވަތެއްވެސް ހުއްދަ ވެގެން ނުވާނެ ނޫންތޯއެވެ. ދުންފަތުގެ ބާވަތްތައް ހުއްދަވާންވީ ކީއްވެތޯއެވެ؟ މިހުރީ ހައްތާވެސް ޖަވާބެއް ލިބުންނެތް ސުވާލެވެ. ޖަވާބު ދޭނެ ފަރާތެއް އިދާރާއެއް ނެތެވެ.

ދުންފަތުގެ ބާވަތްތަކުގައި އެކުލެވޭ ކެމިކަލްތަކަކީ އިންސާނުންގެ ސިއްޙަތަށް ނުރައްކާތެރި އެއްޗެހިކަން އެނގިހުރެ، އެ ތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްދަކުރުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ސިއްޙަތާ މެދު އެކަށީގެންވާ ސަމާލުކަމެއް ނުދޭކަން ދައްކުވައިދޭ ކަމެކެވެ. ކާބޯތަކެތީގައި ކެމިކަލް ހުރިކަން އެނގުމުން އެ ތަކެތި ނައްތާލާ ފަދައިން، ދުންފަތުގެ ބާވަތްތަކުގައި ނުރައްކާތެރި ކެމިކަލްތައް ހުރިކަން އެނގިހުރެ، އެ ތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްދަކުރުމަކީ ޞިއްޙީ ގޮތުން އެއްވެސް ހަމައެއް ނެތްކަން އަންގައިދޭ ކަމެއްނޫންތޯއެވެ. އަދި މިއީ ދުންފަތުގެ ނުރައްކަލަށް ރައްޔިތުމީހާ ހުޅުވައިދޭ ދޮރެއް ނޫންތޯއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތަކަށް ބަލާއިރު، މިކަމަކީ ހަމައެކަނި ވަކި ފަރުދުންތަކެއްގެ މައްސަލައެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢުއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ދުންފަތުގެ ސަބަބުން ޞިއްޙީ ޚިދުމަތްތަކަށް ކުރަންޖެހޭ ޚަރަދު އިތުރުވުމާއި، މުޖުތަމަޢުގެ އުފެއްދުންތެރިކަން ދަށްވުމާއި، ދަރިމައިވުމަށް ދިމާވާ މައްސަލަތަކާއި އާއިލާތަކަށް ކުރިމަތިވާ ދަތިތަކަކީ މުޅި ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކެކެވެ.

އެހެންކަމުން، ދުންފަތުގެ ބާވަތްތަކުގައި އެކުލެވޭ ނުރައްކާތެރި ކެމިކަލްތަކަށް ރިޢާޔަތްކޮށް، މި ތަކެތި ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަދި ހަމައެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަންޖެހެއެވެ.

ދުންފަތުގެ ޝިކާރައަކަށް މިއަދު ވެފައިވަނީ ތިޔައިގެތެރެއިން ކިތައް ބޭފުޅުންތޯއެވެ. މި ބަލީގެ ޝިކާރައަކަށްވެ، ދުނިޔެދޫކުރީ ތިޔަބޭފުޅުންގެ ލޯބިވާ ކިތައް މީހުންހެއްޔެވެ؟ މި ސުވާލަށް ޖަވާބުދޭނީ ތިޔަބޭފުޅުންނެވެ. ދުންފަތުގެ ބާވަތްތަކުގައި އެކުލެވޭ ކެމިކަލްތަކަކީވެސް އެހެން ނުރައްކާތެރި ކެމިކަލްތަކެކޭ އެއްފަދައިން ސަމާލުކަން ދޭންޖެހޭ ކެމިކަލްތަކެކެވެ. އަޅުގަނޑުމެންގެ ޞިއްޙަތާއި، ދުޅަހެޔޮކަމާއި، ކުރިމަގު ހިމާޔަތްކުރުމަށްޓަކައި މިކަމާ މެދު ފުންކޮށް ވިސްނައި، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އައިސްމިވަނީ ޖެހިފައެވެ. ދުންފަތުގައި އެކުލެވޭ ކެމިކަލްއަކީވެސް ވިހައެކެއެވެ. އެހެންކަމުން، އެހެން ނުރައްކާތެރި ކެމިކަލްތަކެކޭ އެއްފަދައިން މިއާ މެދުވެސް ޢަމަލުކުރަންޖެހޭނެއެވެ. ކާބޯތަކެއްޗާއި ބޭހުން ކެމިކަލް ފެނުމުން އަޅަންޖެހޭ ފިޔަވަޅު ދުންފަތުގެ ބާވަތްތަކައިމެދުވެސް އަޅަން ޖެހޭނެއެވެ.