މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލެ އޭރިއާ ކޮމާންޑުން ކ.ހުރާގައި ސްޓޭންޑަރޑް ފަސްޓްއެއިޑް ކޯހެއް ހިންގައިފިއެވެ.

މި ކޯސް ހިންގާފައިވަނީ ކ.ހުރާ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ.

ސެޕްޓެމްބަރު 28 އިން އޮކްޓޫބަރު 1 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެ ރަށުގެ 18 ކަނބަލުން ބައިވެރިވެފައިވެއެވެ. ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ކ.ހުރާގައި ބޭއްވުނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް އިސްމާޢީލް އާޠިފެވެ.

މި ކޯހުގައި ބައިވެރިންނަށް ފަސްޓްއެއިޑްގެ އަސާސީ މަޢުލޫމާތުތަކާއި، ނޭވާލާ ނިޒާމާ ގުޅޭ މަޢުލޫމާތު، ސީޕީއާރު ދިނުމުގެ އުސޫލުތައް، ހޭނެތިފައިވާ މީހުންނަށް ފަރުވާދިނުމުގެ ގޮތްތައް، ޒަޚަމްވެ ލޭއައުން ފަދަ ހާލަތްތައް މެނޭޖްކުރުމުގެ ގޮތްތައް، އަދި ފިހުމުން ލިބޭ އަނިޔާތަކަށް ފަރުވާދިނުމުގެ އުސޫލުތައް ކިޔައިދެވުނެވެ. މީގެ އިތުރުން، ހާޓް އެޓޭކް، އެސްމާ، އަދި ސްޓްރޯކް ފަދަ މެޑިކަލް އިމަޖެންސީތަކާއި، ކެޝުއަލްޓީ ކެރީސް އަދި ޑްރައުނިންގ އާ ގުޅޭ މަޢުލޫމާތުތައްވެސް ވަނީ ފޯރުކޮށްދެވިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ މެޑިކުންނެވެ. މި ފަދަ ކޯސްތައް ހިންގުމުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ފަސްޓްއެއިޑްގެ މަޢުލޫމާތު ފޯރުކޮށްދީ، ކުއްލި ހާލަތްތަކުގައި އެހީތެރިވެދެވޭނެ ފަރާތްތައް އިތުރުކުރުމެވެ.