ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު ފަށައިފައިވާ ހަރަކާތްތައް ދެން ހުއްޓާލާނީ އެ ކޯލިޝަންގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލުން ވެރިކަމަށް ގެނެސްފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި "ދުއްޕާން" ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރަށް ވެސް މިހާރު އިދިކޮޅު ކޯލީޝަންގެ ސައިޒު ފެންނަމުންދާ ކަމަށެވެ. އެހެން ކަމުން އިދިކޮޅުގެ މިހާރުގެ ހަރަކާތްތައް ސަރުކާރަށް ހަޖަމެއް ނުވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ އިން މިހާރުވެސް ގެންދަނީ ސިލްސިލާ މުޒާހަރާ ތަކެއް ކުރަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ރައީސް ޔާމީން ކަމަށެވެ. އެމަނިކުފާނު ނޫން އެހެން ބޭފުޅަކު ބޭނުން ނުވާކަމަށާއި މިއަހަރު ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮނާނޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެވިސްނުމާއި ފިކުރުވެސް ބައްޔެއް ނުކުރެވޭނޭ ކަމަށެވެ. އަބަދުވެސް ކޯލީޝަން އެމަނިކުފާނުގެ ފަހަތްޕުޅުގައި ދެމި އޮންނާނޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވަމުންނެވެ. އެހެންނަމަވެސް އެކަމުން ސަލާމަތްވެ ރިޔާސީ އިންތިޚާބުގައި އެމަބނިކުފާނު ވާދަކުރެއްވުމަކީ އިދިކޮޅު ކޯލިޝަންގެ ވަރަށްބޮޑު އުންމީދިއެވެ. މާރިޗު މަހު އެމަނިކުފާނު މިނިވަންވާނޭ ކަމަށް ވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.