އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަކީ ފުޓްބޯޅައިގެ ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް، ސްޕެއިން ގައުމީ ޓީމާއި ރެެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

މެސީ އާއި ރާމޯސް މިހާރު ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނައިރު، ފާއިވެދިޔަ ދިހަ ވަރަކަށް އަހަރު ރާމޯސް ރެއާލް މެޑްރިޑަށް ކުޅުނުއިރު މެސީ ކުޅުނީ ވާދަވެރި ބާސެލޯނާއަށެވެ. މިދިޔަ ދިހަވަރަކަށް އަހަރު ކުޅުނު އެލް ކްލެސިކޯ މެޗުތަކުގައި ރާމޯސްއަށް އެންމެ ގިނައިން ލަނޑުދިން ކުޅުންތެރިޔަކީ މެސީއެވެ.

ޕީއެސްޖީގެ ޓީވީއަށް ދިން ބަސްދީގަތުމެއްގައި ރާމޯސް ބުނީ ފުޓްބޯޅައިގެ ދުނިޔެއިން މެސީއާ އަޅާކިޔާވަރުގެ ކުޅުންތެރިޔަކު ނުފެންނަ ކަމަށެވެ. އަދި ވަރލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދުމަށް މެސީ ދެކެމުންދިޔަ ހުވަފެން ސީދާވުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރި ކަމަށްވެސް ރާމޯސް ބުންޏެވެ.

"އޭނާ {މެސީ} އާ ދެކޮޅަށް އަހަރުތަކެއް ކުޅެ ތަކްލީފްތަކެއް އަހަރެން އުފުލަން ޖެހުނު. އެކަމަކު މިހާރު އެއްކްލަބަކަށް ކުޅެވޭތީ ވަރަށް ބޮޑަށް އުފާވޭ. މެސީއަކީ ފުޓްބޯޅައިގެ ދުނިޔެ އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާ" ރާމޯސް ބުންޏެވެ.

ފްރާންސް ލީގުގައި ރޭ ފަހަތުން އަރައި ޕީއެސްޖީ 2-1 އިން މޮޅުވި މެޗުގައިވެސް ވިދާލައިގެން ދިޔައީ މެސީއެވެ. ކިލިއަން އެމްބައްޕޭ އާއި ނޭމާ ނެތި ޕީއެސްޖީން ކުޅެން ޖެހުނު މިމެޗުގައި މުޅި ޓީމުގެ ޕްލޭން ބިނާކޮށްފައި އޮތީ މެސީއެވެ. މިގޮތުން މިމެޗުގައި ޕީއެސްޖީއަށް މެސީ ލީޑް ނަގައިދިނީވެސް ހިތްގައިމު ލަނޑަކުންނެވެ.