ފުރާވަރު ކޭންޕުގެ 95 ވަނަ ކޭންޕު ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ކޭމްޕަކީ ސާނަވީ މަރުހަލާގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ، ހުރަވީ ސްކޫލުގައެވެ.

ފުލުހުން ވިދާޅުވީ މި ކޭމްޕުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުގެ އިސްވެރިންނާއި ހުރަވީ ސްކޫލްގެ އިސްވެރިން ބައިވެރިވެލެއްވިކަމަށްވެސް ވިދާޅުވިއެވެ.

މި މަހުގެ 2 އިން 4 އަށް ކުރިއަށް ގެންދިޔަ މި ކޭންޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، ތަފާތު އެކި ހާލަތްތަކުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ބަޔަކަށް ހެދުމާ އަދި އިސްލާމްދީނުގެ އަގީދާގައި ސާބިތު ކަމާއެކު ހިފަހައްޓާ ދަރިވަރުންތަކަކަށް ހެދުމަށް މި ކޭމްޕުގައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ގައުމުގެ ދެކެ ލޯބިވާ، ގައުމަށް ތެދުވެރި ވަފާތެރި، އަދި ޒިންމާދާރު ދަރިވަރުންތަކެއް ބިނާކުރުމަށްވެސް މި ކޭމްޕުގެ ތެރެއިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި އާދަކާދަތައް ތައާރަފުކޮށްދީ ގަޑިންގަޑިއަށް ކަންކަން ކުރުމަށާއި، ކުލާސްތަކަށް ގަޑިއަށް ހާސިރުވުމަށް ސަމާލުކަންދިނުމާއި ޒިންމާދާރުކަން އަދި މީހުންނަށް އިހުތިރާމުކުރުމާއި ތެދުވެރިކަން އިސްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ކުޅިވަރުގެ ތެރެއިން ޓީމް ބިލްޑިންގ އުނގަންނައިދިނުމާއި، ސައިބަރ ކްރައިމް އަދި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ކަންކަމުން ރައްކާތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ކުށުގެ މާހައުލުން ރައްކާތެރިކުރުވުމާއި މަގުމަތީގެ ގަވާއިދުތަކާއި، ނަފްސު ތަންފީޒުކުރުން ފަދަ މުހިންމު މައުލޫމާތުތައް އުނގަންނައިދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ކޭމްޕްގައި ހުރަވީ ސްކޫލްގެ ޖުމްލަ 93 ދަރިވަރުން މި ކޭންޕު ފުރިހަމަކޮށްފައިވެއެވެ. އެއީ 39 އަންހެން ދަރިވަރުންނާއި 54 ފިރިހެން ދަރިވަރުންނެވެ.