ސަރުކާރު މުވައްޒަފުންގެ ތެރެއިން އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މި އަހަރުގެ މެއި މަހު އެކަކުން ފެށިގެން އެލަވަންސް ލިބޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި %35 މުވައްޒަފުންނަށް އެލަވަންސް ނުލިބޭ ކަމަށެވެ. އެ "ހުރިހާ މުވައްޒަފުންނަށް އެކެއް މޭއިން ފެށިގެން މި އެލަވަންސް ލިބިގެންދާނެ. އަދި އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް އެ ހެޔޮ ބަދަލު އަންނާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުޢީ ދާއިރާ އާއި، އިމާމުންނާ މުދިމުންނާއި، ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން އޭގައި ހިމެނިގެންދާނޭ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ ފާއިތުވި އަހަރުގެ ޖަނަވަރީ އެކެއްގައި ތަންފީޒުކުރަންފެށި މިނިމަމް ވޭޖްގެ ބޮޑު ބަދަލަށް މިހާރު މިވަނީ އަހަރަކަށްވުރެ ގިނަވެފައި ކަމަށެވެ. ސީދާ ގޮތުގައި އެ ހެޔޮ ބަދަލު އައީ 33,500 އަށް ވުރެ ގިނަ މަސައްކަތްތެރިންނަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސް ވިދާޅުވީ މަސައްކަތު މާހައުލަށް މީހުންނެރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ހަ ހާހަސްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރަށާއި މަސައްކަތު މާހައުލަށް ތައްޔާރު ކުރުމުގެ މަޝްރޫއު މިހާރު ވެސް ދަނީ ހިނގަމުން ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއަރ ކޮލެޖް، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ޤާއިމްކުރުން މިހާރުވެސް ދަނީ ކުރިއަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިޖްތިމާއި އަދި އިގްތިސާދީ، އުމްރާނީ ބޮޑު ބަދަލަކަށްޓަކައި ކުރަންޖެހޭ ކަންކަން މިދައުރުގެ ތެރޭގައި ކޮށް ނިންމުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެކަން އެގޮތަށް ކުރެއްވުމަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފުރިހަމަވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން މިހާރު މަސައްކަތް ކުރަމުންދާ ގޮތަށް ގޮސް މުޅިރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމިގެންދާނޭ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަން ފެށްޓެވުމުން އިދިކޮޅު މެމްބަރުން މަޖިލީސް ތެރޭގައި އިހުތިޖާޖުކުރަން ފެށިއެވެ. އެހިސާބުން ރައީސް ރިޔާސީ ބަޔާން މެދުކަނޑާލެއްވިއެވެ. އެހެންމެފަހުން ބަޔާން އިއްވީ އިހުތިޖާޖު ކުރި މެމްބަރުން ތަޅުމުން ނެރެފައެވެ. ޖަލްސާ ހިނގަމުންދިޔައިރު އިދިކޮޅު ފަރާތްތަކުން ގެންދިޔައީ މަޖިލިސް އިދާރާގެ ބޭރުގައި މުޒާހަރާ ވެސް ކުރަމުންނެވެ. އެމީހުން ގޮވަމުންދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
މިހާރު ތި އުޅުއްވަނީ ޞިއްޙީ ދާއިރާ ގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ބުނެވިފައި އިނީމަ އެހެންވެ! ކޮބާތޯ އެމްޑީޕީ ވެރިކަމަށް އަންނަން ވެގެން މެނިފެސްޓޯ ހަދައިގެން ވިދާޅުވި ސިވިލްގެ ހުރިހާ އިދާރީ ރީ މުވައްޒަފުންގެ މުސާރަ ބޮޑުކުތާނަމޭ އެކަން ވެސް ދިޔައީޗޮކުން! ބޮޑުކުރީ ޓީޗަރުންގެ މުސާރަ! ސްކޫލްތަކުގައި ވެސް އިދާރީ މުވައްޒަފުންނަށް ލިބެނީ ކުޑަކުޑަ ލާރި ކޮޅެއް!