މާލޭގެ ރައްޔިތުންނަށް ދޭ ގޯތީގެ އަދަދު އިތުރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާން ރަައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވަމުންނެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންނަށް އެކަމުގެ ލިޔުން ވެސް ޖޫން މަހު ހަވާލުކުރެވޭނެ ކަމަށެވެ.

މާލޭ ރައްޔިތުންނަށް އެންމެ ބޮޑު ދަތިކަމަކަށް ދިމާވެފައިވާ ގޯތީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ބިންހިއްކައިގެން ގޯތިދެއްވާނޭ ކަމަށް ރައީސް ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިއަދު ވިދާޅުވީ އެ އަދަދު އިތުރުކުރައްވަން މިހާރު ނިންމަވާފައިވާ ކަމަށެވެ. މިއީ މާލޭ ރައްޔިތުންނަށް ރައީސް މިއަދު ދެއްވި އުފާވެރި ޚަބަރެކެވެ.

"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށް ވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ،" ރައީސް ވިދާޅުވި އެވެ. މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރު ކުރުމަށް ނިންމެވި ނަމަވެސް އިތުރު ކުރައްވަނީ ކިތައް ގޯތިކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

ބޯހިޔާވަހިކަމުގެ ވައުދު ނުފުދި ލަސްވެފައިވާ ކަމުގެ ކަންބޮޑުވުންތަކަށް ރައީސް މިއަދު ވިދާޅުވީ އެ ވައުދު ފުއްދެވުމުގެ އަމާޒުގައި ވެސް އެއްވެސް ކަސިޔާރު ކަމެއް ނެތް ކަމަށެވެ. ފްލެޓްތައް އިމާާރާތްކުރަން ފަށައި ވެރިކަން ނިމުމުގެ ކުރިން ހަވާލުކުރާ ފުރަތަމަ ސަރުކާރަކަށް ވާނީ އެމަނިކުފާނުގެ މި ވެރިކަން ކަމަށް ވެސް ވިދާޅުވި އެވެ.

"ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމައި ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެ. އެ ފްލެޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.