އިންޓްރެސްޓް ބޮޑުކޮށް ސްޓޫޑަންޓް ލޯނު ނަގައިގެން، މަތީ ތައުލީމު ހާސިލު ކުރުމުގައި ތަކުލީފު އުފުލަން ޖެހިފައިވާ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިީމް މުހައްމަދު ސާލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މި ވެރިކަމުގައި ހިލޭ ޑިގްރީގެ ފަހި ފުރުސަތު އޮތަސް މީގެ ކުރިން ލޯނު ނަގައިގެން ކިޔެވި ދަރިވަރުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ތައުލީމީ ދާއިރާއަށް ގެންނަވާ ބަދަލުތަކުގެ ތެރޭގައި އެއީ ހައްލު ހޯއްދަވައި ދެއްވާނެ ކަމެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މީގެކުރިން ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔެވި ކުދިންގެ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ އުފެއްދުންތެރި، ހަރުދަނާ، ޒިންމާދާރު ދިވެހި ޒުވާނުންގެ ހުރި މިފަދަ ހުރިހާ ބުރައެއް ލުއިކޮށް ދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ސްޓޫޑަންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެދަރިވަރުން ކިޔެވުން ނިންމުމަށްފަހު ލިބޭ މުސާރައިން ސްޓޫޑަންޓް ލޯނު ދެއްކުމާއެކު އެހެން ހަރަދުތައް ކުރަން ޖެހުމެވެ. ކިޔެވުން ނިންމައި ދިރިއުޅުމަކަށް ފަށާ ފަހުންވެސް ލޯނު އަނބުރާ ދެއްކޭނެ ގޮތެއް ނެތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންނަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ގައުމަކުން ނުކުރާނެ ކަމަށެވެ. ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކައި އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމް ކަމަށާއި މި ޕްރޮގްރާމަކީ ކޮންމެ މަޔަކާ ބަފައެއްގެ އަދި ބެލެނިވެރިއަކަށް މިސަރުކާރުން ދިން ތަސައްލީއެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ކަންބޮޑުވުން މުޅި ރާއްޖެއިން ނައްތާލެވިއްޖެ ކަމަށާއި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބަ އޮތް ކަމަށެވެ. މިއަދާ ހަމައަށް 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރި ވެއްޖެ ކަމަށާއި 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފިން. މިގެނެވުނު ބަދަލާއެކު ކުރީގެ ބޮޑު ރޭޓްގާ ދެއްކި ފައިސާ ވާނީ ޖުމްލަ ލޯނު އަދަދުން އުނިކުރެވިފައި. އަދި ކޮންމެ މަހަކު ދަރިވަރުން އަނބުރާ ދައްކާ ފައިސާ މިހާރު ކުޑަވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް 1،986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު މި ސަރުކާރުން ދީފައިވާ ކަމަށެވެ. މި ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކާ ސްޓޫޑަންޓް ލޯނު ސަރުކާރުން ރީސްޓަރަކްޗަކޮށް ކުރިން 5 ޕަސެންޓުގައި ހުރި އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.