ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާން އިއްވަން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މެމްބަރުން ނެރުމަށް ގައުމީ ދިފާއީ ބާރުން ހަރަކާތްތެރިނުވާ ކަމަށް އެތަނުން ބުނެފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލިސްތެރޭގައި އިހުތިޖާޖުކުރަން ފެށުމުން ނަން އިއްވި މެމްބަރުން ތަޅުމުން ބޭރުކުރުމުގައި ހަރަކާތްތެރިވެފައިވަނީ މަޖިލީހުގެ ސެކިޔުރިޓީން ކަމަށެވެ. އެހެންނަމަވެސް ބައެއް މީޑީއާތަކުން ވަނީ އެއީ ގައުމީދިފާއީ ބާރުގެ މީހުންކަމަށް ރިޕޯޓުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ރިޔާސީބަޔާން އިއްވެވި ޖަލްސާގައި ޗެމްބަރ ތެރޭގައި ހަރަކާތްތެރިވީ ގައުމީ ދިފާއީ ބާރުން ކަމުގައި ދޭހަވާ ގޮތަށް ލިޔަމުންދާތީ ދަންނަވަމެވެ. އިއްޔެގެ ޖަލްސާގައި ނަން އިއްވުމުން ޗެމްބަރު ތެރޭން މެމްބަރުން ނެރުމުގައި ގައުމީ ދިފާއީ ބާރުން ހަރަކާތްތެރި ނުވާ ވާހަކަ ދަންނަވަމެވެ. އެކަމުގައި ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީންނެވެ." އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި އެދިފައި ނުވާ ކަމުގައި ވެސް އެތަނުން ވަނީ ވިދޅުވެފައެވެ.