ޕާކިސްތާންގެ ވަޒީރުންގެ އެއް މަހުގެ މުސާރަ ތުރުކީއަށް އެހީ ވުމަށް ދޭން ނިންމައިފިއެވެ. އަދި ގްރޭދް 18ން 22އާ ދެމެދުގެ ރޭންކުގެ ސިވިލް ސާވިސްގެ މުވައްޒަފުންގެ އެއްމަހުގެ މުސާރަވެސް ތުރުކީއަށް އެހީވާ ފަންޑަށް ދޭން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ތުރުކީއަށް ތައުޒިޔާ ދެންނެވުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އަންކަރާއަށް ވަޑައިގަންނަވާނެ ކަމަށް ޕާކިސްތާނު ސަރކާރުން ވަނީ އިއުލާން ކޮށްފައެވެ.

ޕާކިސްތާންގެ ސިފައިންގެ ޓީމުތައް ވަނީ މިހާރު ތުރުކީއަށް ގޮސްފައެވެ. އެމީހންނާއެކު އެހީގެ ސާމާނާއި ފޭލިގެތަކާއި، 30 އެނދުގެ މައިދާނީ ހަސްފަތާލަށް ބޭނުންވާ ސާމާޏު ވަނީ ގެންގޮސްފައެވެ.

އޭގެ އިތުރުން ޕީއައިއޭ ފްލައިޓެއްގައި އިތުރު 51 މެމްބަރުންގެ ރެސްކިއު އެހީ ދޭ ޓީމެއް ތުރުކީއަށް ގޮސްފައިވާ ކަމަށް ޕާކިސްތާންގެ ރެއިލްވޭ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނަށް މިދިޔަ އަހަރު ދިމާވި ގެއްލުން ބޮޑު ފެން ބޮޑުވުމުގައި ދީލަތި ކަމާއެކު އެހީ ދިން އެއް ގައުމަކީ ތުރުކީވިލާތެވެ. ޕާކިސްތާނު ބޮޑު ވަޒީރު ވިދާޅުވީ އޭނާގެ ގައުމުން އެކަން ހަނދާން ނުނެތޭ ކަމަށެވެ.