މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް އަލުން ހެދުމަށް ހަމަޖެހިފައިވާ ކަމަށް، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މިނިސްޓަރުންނާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވާ ވަގުތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ މިދައުރުގައި ހަދައި ނިންމަން ހަމަޖެހިފައިވާ، މާލޭގެ މަގުތަކަކީ ކޮބައިތޯ، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ކުރެއްވި ސުވާލާ ގުޅިގެންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، އަމީނީ މަގު ފިޔަވައި އިތުރު އެހެން މަގެއް ހެދުމަށް އާރުޑީސީއާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްފައި ނުވާކަމަށެވެ. ނަމަވެސް މާލޭގެ މެރިން ޑްރައިވް، އުތުރު ފަރާތުމަގު އަލުން ފުޅާކޮށް، އެ މަގު ހެދުމުގެ ޕްލޭނެއް އެބައޮތް ކަމަށެވެ.

"އަދި ކޮންޓްރެކްޓްގައި ސޮއިކޮށްފައެއްނެތް، އާރުޑީސީއާ އެކީގައެއް، އެހެންވީމަ އަމީނީ މަގު ހަދައި ވަކި ހިސާބަކަށް ދިޔައިމަ، ސަރުކާރުގެ ޕްލޭނެއް އެބައޮތް އަދި ސޮއެއް ނުކުރަން، މާލޭގެ މެރިން ޑްރައިވް އުތުރު ފަރާތް، އަލުން އެމަގު އެކީގަ ފުޅާކޮށްފަ އެމަގު ހެދުމުގެ،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް އަމީނީ މަގު ހެދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރީ، މިމަސް ނިމޭއިރު މަސައްކަތް ނިންމާގޮތަށް ކަމަށާއި ނަމަވެސް، މަގުގައި އަތުރަން ޖެހޭ ހޮޅިތައް އެތުރުމުގައި އެމްޑަބްލިއުއެސްސީއަށް ދިމާވި ދަތިތަކާ ގުޅިގެން މަސައްކަތް ލަސްވީ ކަމަށްވެސް އެމަނިކުފާނު ވިދާލުވިއެވެ.

އެ މަސައްކަތް ނިންމަން މިހާރު އާ ތާރީހެއް ކަނޑައަޅާފައިވާ ކަމަށާއި، އެއީ މިއަހަރު ސެޕްޓެމްބަރު މަހުގެ 27 ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.