އެމްއެންޑީއެފް މެޑިކަލް ކޯރއިން، މަޖީދިއްޔާ ސްކޫލުގެ ޓީޗަރުންނަށް ފަސްޓް އެއިޑް ކޯހެއް ހިންގައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. "ބޭސިކް ފަސްޓް އެއިޑް ލެވެލް 3" ގެ މި ކޯސް ހިންގައިފައިވަނީ މިމަހު ފަސްވަނަ ދުވަހުގައެވެ.

މީގެ އިތުރުން އެމްއެންޑީއެފް ވިދާޅުވީ މި ކޯހުގެ ކުލާސްތަކުގައި ފުރަތަމައެހީ ދޭނެ ގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން، ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީ ދަސްކޮށްދެވިފައިވާކަމަށެވެ.

ފަސްޓް އެއިޑްގެ ތިއަރީއާއި އަމަލީ ބައިތައް ވެސް ހިމެނޭހެން ކުރިއަށްގެންދިޔަ މި ކޯހުގެ ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންއެެވެ.

އެ ސްކޫލުގެ 69 ޓީޗަރުން ބައިވެރިވެ، ކޯސް ފުރިހަމަކުރިއެވެ.