"އަޅުގަނޑު ތާލިބާނުންނާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ބުނަން، ތިޔަބޭފުޅުން ތި ތިއްބަވަނީ، ގައުމެއް ރަހީނުކޮށްގެން ނޭ. މިއީ ކުރެވޭނެ ކަމެއް ނޫނޭ. އަޅުގަނޑު އަހާލަން! ތިޔައީ ކިތައް މީހުންހޭ؟- 300،000، 400،000، 500،000 މީހުން ހޭ؟ އަދި އަފްޣާނިސްތާނުގެ އާބާދީއަކީ ކިހާ ވަރެއްހޭ؟ ސާޅީސް މިލިއަން މީހުން! އެއިން އަންހެނުން އެއީ ކިހާ ވަރެއް ހޭ؟ ވިހި މިލިއަން. 20 މިލިއަން މީހުންނާ އަޅާނުލާ ތިބޭނީ ކިހިނެއް ހޭ؟" މިއީ ތާލިބާނުންނާ ކުރިމަތިލާން ކެރޭ ކާބުލްގެ އަންހެން ލީޑަރަކު އެމީހުންނާ ކުރާ ސުއާލެވެ. އެ އަންހެން ލީޑަރަކީ މެހްބޫބާ ސިރާޖެވެ.

ތާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާނުގައި ހިނގަމުންދާ ކަންތައްތަކަށް މެހްބޫބާ މާޔޫސް ވެވަޑައިގަންނަވައެވެ. އޭނާގެ ނަފްރަތު އެންމެ މޮޑަށް އަމޒު ކުރައްވަނީ އަފްޣާނިސްތާނުން ފިލައިގެން ގޮިސްފައިވާ އިލްމީ ގާބިލު މީހުންނަށެވެ. އޭނާ ވިދާޅުވަނީ އަމިއްލަ އެޖެންޑާއެއް ކާމިޔާބު ކުރުމަށް އެމީހުން އަފްޣާނިސްތާނުން ފިލައިގެން ދިއުމުން ގައުމު ވަނީ ގާބިލް ކުޅެދުންތެރި ސިކުނޑިތަކުން ބަނޑަށް ޖައްސާފައި ކަމަށެވެ.

މެހްބޫބާ ސިރާޖަކީ 1926 އިން 1929 އަށް އަފްޣާނިސްތާނުގެ ތަޚުތުގައި އިންނެވި އަމާނުالله ޚާން ރަސްގެފާނަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅެކެވެ.

އޭނއަކީ، އަފްޣާން ވިމެން ސްކިލްސް ޑިވެލޮޕްމަންޓް ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރެވެ. ކާބުލްގައި ގެވެށި އަނިޔާގެ ހިޔާތައް ހިންގަވައި އަންހެނުންނަށް އޭނާ ބޯހިޔާވަހިކަން ދެއްވައެވެ. އަނިޔާވެރި ބައްޕައިން ނުވަތަ ފިރިންގެ އަނިޔާތަކަށް ފިލައިގެން ދާ އަންހެން ކުދިން އަފްޣާނިސްތާންގައި ހުރިހައ ވެރިކަމެއްގައިވެސް ޖަލަށް ލައެވެ. އެކުދިން ސަލާމަތް ކޮށްދެނީ މެހުބޫބާގެ ޖަމުއިއްޔާއިންނެވެ.

މެހުބޫބާއަކީ ތާލިބާނުންނާ ބައިނަލްއަގްވާމީ މުޖުތަމައިން މަޝްވަރާއަށް ގޮވާލައްވާ ފަރާތެކެވެ. އޭނާ ވިދާޅުވަނީ ތާލިބާނަށް ފިއްތުންތައް ކުރިމަތި ކުރެވޭނީ އެކަން ކޮށްގެން ނެވެ.

ތާލިބާނާ ވާހަކަ ދައްކަން ގޮލާވާ ފަރާތްތަކެއްވެސް އުޅެއެވެ. އެކަމަކީ ޚިޔާލުތަފާތުވުންތަކެއް އުފެދޭ ކަމެކެވެ. ނަމަވެސް އެއީ އައު ކަމެއް ނޫނެވެ. އިނގިރޭސިވިލާތުގެ ކުރީގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ރޮރީ ސްޓީވަޓްވެސް ވަނީ ތާލިބާނުންގެ ފިކުރީ ހައްދުފަހަނަޅާފައިވާ ކަންކަން އެއްފަރާތް ކުރުމަށްޓަކައި މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ އެކު އެމީހުންނާ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމަށް 2021ގައި ގޮވާލައްވާފައެވެ.

ތާލިބާނުން މިހާރު އާމްދަނީ ހޯދ ާމައިގަނޑު ވަސީލަތަކީ އަފްޣާނިސްތާންގައި ހިންގާ އެންޖީއޯތަކުން ލިބޭ ލައިސަންސާއިއ ޓެކްސް ފައިސާއެވެ.

އަފްޣާނިސްތާނުގައި އެންޖީއޯތައް ހިންގުމަށް ޝަރުތެއްގެ ގޮތުގައި އެންޖީއޯތަކުގެ މުވައްޒަފުން އަތުން ނަގާ 'ލައިސަންސް'، 'ޓެކްސް'، އަދި 'އިދާރީ ފީ' އަކީ ތާލިބާނަށް އާމްދަނީ ލިބޭ ވަސީލަތެކެވެ.

އަފްޣާނިސްތާންގައި ބައިނަލްއަގްވާމީ ކާބޯތަކެތީގެ އެހީއަށް 28 މިލިއަނަށް ވުރެ ގިނަ މީހުން ބަރޯސާވެފައި ވެއެވެ.

ނަމަވެސް ތާލިބާނުން އަފްޣާނިސްތާންގެ އާންމު ދިރިއުޅުމުން އަންހެނުން ފޮހެލުމަކީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ހުރަސްއެޅި ނުވަތަ ހުރަސްއެޅިފައިވާ ކަމެކެވެ.