ރާއްޖޭގައިހުރި ސިނާއީ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީ އިން ކުރާ މަސައްކަތްތަކުގެ ތެރެއިން ތިލަފުށިން އަލަށް ހިއްކައި އިތުރުކުރާ ސަރަހައްދުގެ 90 ޕަސެންޓް ބިން ހާއްސަކޮށްފައިވަނީ ދިވެހި ވިޔަފާރިތަކަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ސިނާއީ ބޭނުމަށް ތިލަފުށި ފޭސް ދޭކުން 50 ބިމެއް ވިއްކަން އެޗްޑީސީން އިއްޔެ ވަނީ ހުޅުވާލައިފައެވެ. ބޮޑު މިނުގައި 25،000 އިން ފެށިގެން 35،000 އަކަފޫޓާ ދޭތެރޭގެ އެ ބިންތައް ގަތުމަށް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކަށްވެސް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އަދި ބޭރުގެ ކުންފުންޏަކުން ބިން ގަންނަން ހުށަހަޅައިގެން ބިޑް ކާމިޔާބުކޮށްފިނަމަ، އެ ފަރާތަކަށް ބިން ވިއްކުމުގެ ބަދަލުގައި 99 އަހަރަށް ކުއްޔަށް ދިނުމަށްވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ.

އެޗްޑީސީގެ އެ ނިންމުމާ މެދު މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން ކަންބޮޑުވުންތައް ވަނީ ފާޅު ކުރައްވާފަ އެވެ. މަޖިލީހުގައި ދެކެވުނު ވާހަކަތަކާ ގުޅިގެން އެޗްޑީސީން ވަނީ މިއަދު އިތުރު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެޗްޑީސީން ފާހަގަކޮށްފައިވާ ގޮތުގައި ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ 90 ޕަސެންޓް ބިން ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށް، ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

އެޗްޑީސީން ތިލަފުށްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަން ފާހަގަކޮށްފައި ވެއެވެ. އަދި ބޭރުގެ ވިޔަފާރިތަކުން ބިމަށް އެދި ހުށަހެޅުމުގައި އަމަލުކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި ކަމާ ބެހޭ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައި ވެއެވެ.

މިގޮތުން ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށްފައިވާ ވިޔަފާރިތައް، މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް މި ވިޔަފާރިތަކުގެ (ބޭރުގެ ކުންފުނިތައް) ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަަމަށް ބަޔާނުގައި ވެއެވެ. ހަމަ މިފަދައިން މިއީ ދިވެހިންނަށް، ވަޒީފާގެ ގިނަ ފުރުސަތު ލިބިގެންދާނެ މަޝްރޫއެއްކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ބިން ގަންނަން ހުށަހެޅޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. ވިއްކާ ބިމުގެ ތެރޭގައި ހަ ބާވަތެއްގެ ޕްލޮޓް ހިމެނޭ އިރު، އެންމެ ކުޑަ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1،700 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ބިން ލިބޭނީ އެންމެ މަތިން ބިޑް ހުށަހަޅާ ފަރާތަކަށް ކަމަށް އިއުލާނުގައިވެއެވެ.

އެޗްޑީސީގެ ބަޔާނުގައި ވާ ގޮތުގައި މިމަޝްރޫއުގެ މަގުސަދަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދައި ދިނުމެވެ. އަދި ދިވެހި ވިޔަފާރި ތަކަށް ހުރި ފުރުސަތުތައް އިތުރު ކުރުމުގެ އިތުރަށް މުދަލުގެ އަގު ހެޔޮވެ ދިވެހިންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދިއުމެވެ. އެޗްޑީސީގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ރާއްޖޭގައި ހުރި ވިޔަފާރިތަކަށް އެންމެ ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުންކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.